ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިއްޔެ އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބަފަ ޓައިމަކ، މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އަދި އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ ގަޑި އެޖަސްޓުކޮށެއް ނުދެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި އިތުރަށް ބުނި ގޮތުގައި؛
- މުވައްޒަފެއްގެ ރަސްމީ މަސައްކަތު ވަގުތު ފެށޭ ގަޑިން ފެށިގެން 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭނެ
-
ހާއްސަ ހާލަތުގައި ވެސް ގަޑިނުޖެހި އޮފީހަށް ހާޒިރުވެވޭނެ އެންމެ ލަސް ވަގުތަކަށް ދެވޭނ،ީ ރަސްމީ މަސައްކަތު ގަޑި ފެށިގެން 30 މިނެޓާ ހަމައަށް
-
ބަފަ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މުވައްޒަފެއްގެ އޮފީސް ނިމޭ ގަޑި އެ މިންވަރަށް ފަސްކުރެވޭނެަ
-
ބަފަ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާނަމަ ބަލާނީ ގަޑިޖެހުނީ ކަމަށް
ނަމަވެސް، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މި އުސޫލުން އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނާއި މިސްކިތު މުވައްޒަފުންގެ އިތުރުން އާންމުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނެވެ.
މުވައްޒަފެއްގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ މުވައްޒަފުން މި އުސޫލުން އިސްތިސްނާ ކުރާނީ އެ އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައި، އެ ކޮމިޝަނުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.