ލޯކަލް ކައުންސިލްތަކުގެ "ބާރުކަނޑުވާލަން" ސަރުކާރުން ގެނައި ބަދަލުތަކުން ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާ މެދު މާލޭގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އާޒިމް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި އެއީ ރައްޔިތުންގެ އަތުން ބާރުތައް އަތުލުން ނޫން ކަމަށެވެ.
ކައުންސިލްތަކުން އާއްމުންނަށް ފުރިހަމައަށް ހިދުމަތްދިނުމަށް ބޭނުންވާ ބާރުތަކާއި ވަސީލަތް އަދި މިނިވަންކަން ލިބިދޭންޖެހޭ ކަމަށާއި އެކަމަކު ސަރުކާރުން ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާ މުހިއްމު ވަސީލަތްތަކެއް އަތުލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ބިމާއި ބަޖެޓް ގްރާންޓް ހިމެނޭ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަޤުބަލާމެދު ކަންބޮޑުވުންތަކެއް އެބަހުރި،" އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކުން އަތުލާފައިވާ ހައްގުތަކާއި ވަސީލަތްތައް އަނބުރާ އިއާދަކޮށްދޭނެ ކަމަށެވެ. އަދި އެ އަށް ވުރެ ބޮޑަށް ކައުންސިލްތަކަށް ބާރުތަކާއި މަސްއޫލިއްޔަތު އަދި މިނިވަންކަން ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރުގަދަ ކައުންސިލްތަކަކީ ބާރުވެރި މުޖުތަމައުއެއްގެ ބިންގާ. އެއީ ލޯކަލް ޑިމޮކްރަސީއާއި މުޅި ދިވެހިރާއްޖެ ވަރުގަދަވުން." އާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ބޭނުމަކަށް ކައުންސިލްގެ 14 ބިމެއް ނެގީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ ގާނޫނު ބުނާގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކެބިނެޓުން ކަނޑައަޅައިފި ނަމަ ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭނެ އެވެ.