މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލޭގެ މުހިންމު 14 ބިމެއް ދައުލަތަށް ނަގަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން ބައެއް ބިންތައް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ މިއަދުން ފެށިގެން 14 ދުވަހުގެތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގާ ތަންތަން:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހު އެވެ.
ބިލުގައި ވާ ގޮތުން، ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިޔަސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހެ އެވެ. ގާނޫނަށް ގެނައި އެ ބަދަލުގައިވާ ގޮތުން ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާ އިރު ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހެ އެވެ.
ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ.