ރަތްކުލައިގެ ކާރެއްގެ ތެރޭގައި ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ ކުޅޭކުޅޭ ބަޑިތަކެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެންނާތީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ވަނީ އެކަން ހިނގާފައިވާ ގޮތެއް ބަލައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން އެ ވީޑީއޯއަކީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްކަން ވަނީ ދެނެގަނެވިފަ އެވެ.
ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ވީޑިއޯގައި ފެންނަ ރަތްކުލައިގެ ކާރު ފެނިފައިވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ކަމަށާއި ކާރު ހުއްޓުވައި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށާއި އިތުރަށް ބެލިބެލުމުން އެ ވީޑިއޯގައި ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އޭނާ މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.