ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް ސީދާ އދ. އަށް ހުށަހެޅުުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މުއާހަދާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" ގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ މުއާހަދާގައި ބައިވެރިވާން ރުހުން ދޭން މަޖިލީހުން  މިއަދު ފާސްކުރީ އެކަމާ މެދު ފެންނަ ގޮތެއް ބަލަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް އަކީ ޔޫއެންގެ އާއްމު މަޖިލީހުން 2006 ވަނަ އަހަރު ފާސްކޮށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި އެ މުއާހަދާގައި މިިހާތަނަށް 110 ގައުމަކުން ބައިވެރިވެފައި ވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ހައްގަށް އުނިކަން އަންނަ ފަދަ ކަމެއް ދައުަލަކުން ކުރި ކަމަށް ތުހުމަތުކޮށް ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ މައްސަލަތައް ޔޫއެން ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް އަށް ސީދާ ގޮތެއްގައި ބަަލައިގަތުމުގެ ބާރު ދިނީ އެ މުއާހަދާއިންނެވެ. 

މުއާހަދާއިން ބާރު ލިބިގެން ކޮމިޓީއަށް މައްސަލައެއް ހުށަހެޅޭނީ އެ މީހަކު ނިސްބަތްވާ ގައުމުގެ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގު ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް ކާމިޔާބު ނުވާ ހާލަތުގައި އެކަންޏެވެ.