ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދެމުން އަންނަ އިނާޔަތް ލިބުން ލަސްވާ ކަމަށް ވިދާޅުވެ، އެ ކަމުގައި ރައްޔިތުންގެ މަޖިލީހުން އެ އެޖެންސީ ޖަވާބުދާރީ ކޮށްދޭން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދައުލަތުން ދޫކުރާ މާލީ އިނާޔަތްތައް ކަނޑައެޅިފައިވާ ތާރީހަށް ބަރާބަރަށް ޖަމާވަމުން ނުދާކަން ފާހަގަކުރެއްވޭ ކަމަށެެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބައެއްގެ ބޭސްފަރުވާ އަށާއި ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބަރޯސާވާ ހަަމަ އެކަނި މާލީ ވަސީލަތް ކަމަށާއި އިނާޔަތް ލަސްވުުން އެ މީހުންނަށް މާލީ އަދި ނަފުސާނީ ދަތިތަކާ ކުރިމަތިވާ ވެސް ކުޑޫ ވިދާޅުވި އެވެ.

"...ވީމާ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވައިދެއްވައި، އެންސްޕާ އާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ޖަވާބުދާރީކޮށްދެއްވުން އެދި ދަންނަވަމެވެ،" ސިޓީގައި ކުޑޫ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އިނާޔަތްތައް ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުން ބާރު އަޅައިދޭން ވެސް ސިޓީގައި އޭނާ އެދިވަޑައިގެންނެވި އެވެ.