މާލޭ ސަރަހައްދުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުގެ މިއަދުގެ އާންމު ޖަލްސާގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްލޭންތައް އެކުލަވާލުމާއި ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސައި، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ފަދަ ސިޓީއަކަށް ހެދުމަށް ވަކިވަކި ދާއިރާތަކަށް ގޮސް އެފަދަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައުލޫމާތު ސިޓީ ކައުންސިލުގައި ހުރުން ވަރަށް މުހިއްމު ކަމަށާއި އެކަމަކީ ވީހާވެސް އަވަހަކަށް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ގާލިބު ވިދާޅުވި ގޮތުގައި އެކަން މުހިއްމުވާ ސަބަބަކީ އޭނާގެ ދާއިރާއަކީ ގިނަ އަދަދެއްގެ ސޯޝަލް ހައުސިން ފްލެޓުތަކެއް ހުންނަ ދާއިރާއަކަށް ވާއިރު އެތަނުގައި ލިފްޓް ނެތުމުގެ ސަބަބުން، އެތަނުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގެއަށް ވަދެ ނިކުތުމުގައި އޮތް ގޮންޖެހުންތަކެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ބައެއް އިމާރާތްތަކުގައި ތިން ވަނަ ފްލޯގައި އެމީހުން ދިރިއުޅެމުން އަންނައިރު މުހިއްމު ކަމެއްގައި ތިރިއަށް ބޭލުމަށް ވެސް ދަތިވާ ކަމަށެވެ.
އެހެންވެ، އެފަދަ މީހުންގެ މައުލޫމާތުތައް އެއްކުރާއިރު އެފަދަ ކަންކަމަށް ވެސް ހައްލެއް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އައިޝަތު ހަނާ ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައުލޫމާތުތައް ލިބިފައި އޮތުމަކީ އެހީތެރިކަމެއް ބޭނުންވާ ދަނޑިވަޅުގައި ވެސް އެކަން ކޮށްދިނުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދުވަސްވީ ބައެއް މީހުންނަކީ އޮންލައިންކޮށް ހޯދަންޖެހޭ ހިދުމަތް ހޯދަން އުނދަގޫ ބައެއް ކަމަށާއި އެހެންވެ، އެމީހުންނަށް އެންސްޕާ ފަދަ ތަންތަން މެދުވެރިކޮށް ހޯދަންޖެހޭ އެހީތެރިކަން ފަދަ ކަންކަމުގައި ވެސް ފަސޭހަވާނެ ކަމަށެވެ.
"ކޮންމެ މީހަކީ ފޯނު މެދުވެރިކޮށް ނޫނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަންކަން ކުރަން އެނގޭނެ ބައެއް ނޫން. އެމީހުން އެތަނަށް ގޮވައިގެން ދިއުމަކީ އުނދަގޫ ކަމަކަށްވޭ. އެހެންވީމަ މިކަހަލަ މައުލޫމާތެއް އަޅުގަނޑުމެންގެ އަތުގައި އޮވެ އަޅުގަނޑުމެންނަށް އެމީހުންނަށް ފޯރުކޮށްދޭވޭނެ އެހީތެރިކަމެއް އެނގޭނެ." ހަނާ ވިދާޅުވި އެވެ.
ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވެސް ވިދާޅުވީ އޭނާގެ ދާއިރާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ވަރަށް ގިނައިން އުޅެމުންދާ ތަނެއް ކަމަށެވެ. އަދި ފްލެޓުތައް ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެމީހުން ބޭލުމުގައި ވެސް އުނދަގޫތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާޔާ ވަނީ ހިޔާ ޕާކު ސަރަހައްދުގައި ހިމެނޭ މިސްކިތް ބަންދު ކުރުމުން ވެސް އެ ސަރަހައްދުގައި އުޅޭ ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދަތިތައް ކުރިމަތިވެފައިވާތީ އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެހެންވެ، ސޯޝަލް ސާވިސަސް ކޮމެޓީއަށް އެކަން ހުށަހަޅައި އެކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޕްލޭނެއް ދެން އޮތް ޖަލްސާއަކަށް ހުށަހެޅުމަށް ކައުންސިލުން ވަނީ ފޮނުވައިފަ އެވެ.