އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށްފަހު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް ކާމިޔާބު ކުރައްވައިފި އެވެ.
މީކާއިލް އެ މަގާމު ކާމިޔާބުކުރީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ އެމްޑީޕީން މިއަދު ބޭއްވި ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ހަތަރު ބޭފުޅަކާ ވާދަކޮށް، އޭނާ ޕްރައިމަރީ ކާމިޔާބު ކުރުމުންނެވެ.
އެ ޕްރައިމަރީގައި ވާދަކުރީ މީކާއިލްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ އާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ އާއި ހުޅުމާލޭ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
އެހެންވެ، ޑެޕިއުޓީ މޭޔަރު ކަމަށް މީކާއިލް ހޮވުމަށް އެމްޑީޕީން ވިޕްލައިނެއް ނެރުނެވެ. އަދި އޭގެފަހުން ބޭއްވި ސިޓީ ކައުންސިލްގެ އާ ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާގައި މީކާއިލްގެ ނަން އެކަނި ހުށަހެޅުމުން އިތުރު ވޯޓަކާ ނުލައި އޭނާ ވަނީ އެ މަގާމަށް ހޮވިފަ އެވެ.
ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް ވާދަކުރުމަށް ކައުންސިލްގެ މެމްބަރުންގެ މެދުގައި ހުޅުވާލުމުން އެކަކު ކުރިމަތިލައިފިނަަމަ، ވޯޓަކާ ނުލައި އެ މަގާމަށް އިންތިހާބުވާނެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ
- ޒާޔާ - 5 ވޯޓު
- ރިލްވާން - 2 ވޯޓު
- މީކާއިލް - 7 ވޯޓު
- ހަނާ - 2 ވޯޓު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 18 ކައުންސިލަރުން ތިއްބަވަ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު މެމްބަރުން ވަނީ މިއަދު ހެނދުނު މަގާމުގެ ހުވާކޮށްފަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ހޮވުނު މީހުން ވަނީ މަގާމުގެ އިގްރާރުގައި ސޮއިކޮށްފަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ވަނީ 372 ކައުންސިލަރުން މަގާމުގެ ހުވާކޮށްފަ އެވެ. އަދި އެ ވަގުތާ ހަމައަށް 304 ކައުންސިލަރުން ހުވާ ނުކުރާ ކަމަށް ބުންޏެވެެ.
އެލްޖީއޭ އިން ބުނިގޮތުގައި މިއަދު ހުވާކުރަން ހަމަޖެހިފައިވަނީ 676 ކައުންސިލަރުންނެވެ. އަދި އަންހެނުން ކޮމެޓީގެ 662 މެމްބަރުން އިގްރާރުގައި މިއަދު ސޮއިކުރަން ހަމަޖެހިފައިވެ އެވެ.
މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.
އެކަމަކު އޭގެ ތެރެއިން ބައެއް ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގޮސްފައިނުވަނީ ވޯޓުގައި ބައެއް މައްސަލަތަކެއް އުޅޭތީ އެވެ.