މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ހުވާކުރައްވައިފި އެވެ.
އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހަކީ މިއަދު ކަމަށް ވާތީ އެވެ.
މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން އޮތެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލްގަ އެވެ.
މާލޭގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން ވެސް އިގްރާރުގައި ސޮއިކޮށްފަ އެވެ.
ކުރީގެ ކައުންސިލަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ ކައުންސިލުން ނިންމާ ނިންމުންތައް މާލޭގެ އިންތަކަށް ވުރެއް މާ ދުރަށް ފޯރާނެ ކަމަށާއި އެހެންވެ އެ ނިންމުމުންތަކަކީ ރާއްޖޭގައި ދެފުށް ފެންނަ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގެ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ސިޓީ ހިންގަން ކަމަށެވެ. މާލޭގެ ބިމުގެ ދަތިކަމާއި އާބާދީގެ ތޮއްޖެހުމާ އަޅާ ބަލާއިރު ޕްލޭންތައް ހަދަން ޖެހެނީ ހަރުދަނާ ގޮތެއްގައި މުސްތަގުބަލަށް ބިން ބޭނުންކުރެވޭނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ނިންމުމަކީ މިއަދުގެ ބޭނުންތަކާއި މާދަމާގެ ރައްކާތެރިކަމަށް ނިންމާ ނިންމުމަކަށް ވާން ޖެހޭނެ. ދެވަނަ ކަމަކީ އިތުބާރު ހުރި ހަރުދަނާ މުނިސިޕަލް ހިދުމަތްތައް ދިނުން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވަނީ ވިދާޅުވީ ކުނި މެނޭޖްކުރުމާއި މަގުތައް ބެލެހެއްޓުމާއި އާންމު ތަންތަނާއި މާރުކޭޓުތަކާއި އާސާރީ ތަންތަނާއި ކުއްލި ހާލަތުގައި ދޭ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުމާ ސީދާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެހެންވެ އަމާޒަކަށް ވާންޖެހޭނީ ހިދުމަތުގެ ފެންވަރު މަތިކޮށް، މޫސުމީ ބަދަލުތަކަށް ވެސް ތައްޔާރުވެފައިވާ ސިޓީއަކަށް މާލޭ ހެދުން ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ވިދާޅުވި ގޮތުގައި މާލީ ނަޒާހާތްތެރިކަމާއި ޒިންމާދާރު ކައުންސިލަކަށް ވުމަކީ ކައުންސިލުން މަސައްކަތްތައް ފަށާއިރު އިސްކަންދޭނެ ކަމެކެވެ. ރައްޔިތުންގެ ފައިސާއަށް ޒަވާބުދާރީވާންޖެހޭ ކަމަށާއި ބަޖެޓަކީ ހަގީގަތާ އެއްގޮތަށް ހިސާބު ދިމާވާ އެއްޗަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ހަރަދުތައް ބޭނުންތެރި ގޮތުގައި ކުރުމަށް އިސްކަން ދެއްވާނެ ކަމަށާއި އިންޓާނަލް އޮޑިޓު ރިޕޯޓަކީ ފާޑުކިޔުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލީ އަހުލާގާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ އިތުރުން އިސްލާހުކުރަން ޖެހިއްޖެ ނަމަ ފަސްނުޖެހޭ ކައުންސިލަކަށް ވުމަށް އިސްކަން ދެއްވާނެ އެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލަކަށް ވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ އާޒިމް ވަނީ ހުޅުމާލެއަކީ ވެސް މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ތަނެއްގެ ގޮތުގައި ހަދައިދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
"ގާނޫނީ ގޮތުން ކުރަން ސަރުކާރަށް ލާޒިމުކުރާ އެކަން ފުރިހަމަކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދޭ ވަރަށް ބޮޑު އެދުމެއް،" މޭޔަރު އާޒިމް ވިދާޅުވި އެވެ.
މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭޕްރީލް 19 ގައި ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހުގެ 4 ގައި ބޭއްވި އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑި އެވެ. އެއީ ސިޓީ ކައުންސިލްތަކުން ފަސް ގޮނޑި އާއި ރަށު ކައުންސިލްތަކުގެ ރައީސްގެ 75 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 101 ގޮނޑި އަދި އާންމު ގޮނޑީގެ 99 ގޮނޑި އެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންގެ ގޮނޑިތަކާއެކު، ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވެ އެވެ. އެގޮތުން އެ ކޮމެޓީތަކުގެ ރައީސުންގެ ގޮނޑި އާއި މެމްބަރުންގެ ގޮނޑިތަކުގެ ތެރެއިން 304 ގޮނޑިއެއް ޕީއެންސީއަށް ލިބުނެވެ.
އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑި އާއި ސިޓީ ކައުންސިލްގެ 41 ގޮނޑި އާއި ރަށު ކައުންސިލް ރައީސްގެ 73 ގޮނޑީގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 88 ގޮނޑި އަދި އާއްމު ގޮނޑިތަކުގެ 82 ގޮނޑިއާއެކު ޖުމްލަ 289 ގޮނޑި ހޯދައިފަ އެވެ. އަދި އަންހެނުންގެ ކޮމެޓީތަކުގެ ގޮނޑިތަކާއެކު އެމްޑީޕީއަށް ލިބުނީ 563 ގޮނޑި އެވެ.