އާ ކައުންސިލްތަކާ ދެމެދު ވެސް ސިޔާސީ "ބޮޑު ފާރު"

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ނިހާން ވިދާޅުވި ވާހަކަ މަތިން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ އެވެ. މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމް ކޯލިޝަނުން ވާދަކުރި ކެންޑިޑޭޓުން ތައާރަފު ކުރުމުގެ ޖަލްސާގައި ނިހާން ވިދާޅުވެފައި ވަނީ، ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލަށް ހޮވައިފި ނަމަ، ކައުންސިލްގެ ބާރުތައް އަލުން އިޔާދަކޮށް ދޭނެ ކަމަށެވެ. އަދި "ކަނޑާ ތިރިކޮށްފައި" ވާ ކައުންސިލް މެމްބަރުންގެ މުސާރަތައް ވެސް އިޔާދަކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.


އާ ލޯކަލް ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެ، މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގަންނަވާއިރު، ނިހާން އެ ވިދާޅުވި ވާހަކައާ މެދު ތަންކޮޅެއް ފުންކޮށް ވިސްނައިފި ނަމަ، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ކުރިމަގުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. އޭގެ އެއް ހެއްކަކީ އާ ކައުންސިލަުން ހުވާ ކުރެއްވުމަކީ މާ ބޮޑު ކަމަކަށް ވެގެން އުޅޭ ހެން މި ސަރުކާރަކަށް ހީނުވުމެވެ.

އާ ކައުންސިލަރުންނަށް މަރުހަބާ ދަންނަވައި، އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުން ވެސް ސަރުކާރުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ނުފެނުނެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އެ ރަސްމިއްޔާތުން ފެނުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަލީ ޝަމީމް އެކަންޏެވެ. އެކަމަކު މުއައްސަސާތަކުގެ އިސްވެރިންނަށް ސިޓީ ކައުންސިލުން ދައުވަތު ދިން ކަމަށް އެ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ ކެޕޭސިޓީ ނެތިގެން އެ މީހުން ފެއިލްވެ، ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ހިސާބަށް ދާކަށް ސަރުކާރަށް އެފޯޑެއް ނުކުރެވޭނެ. ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މާލެ އާއި އައްޑޫ ސިޓީ ކައުންސިލްތަކުގައި ފަހިކޮށްދިނީ. މިއީކީ ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމެއް ނޫން: އަޒްލީން

ސަރުކާރުން ބޭނުންވި މިންވަރާ ގާތަށް ވެސް ކައުންސިލްތަކުގެ ގޮނޑިތައް ސަރުކާރު ކޯލިޝަނަކަށް ނުލިބުނެވެ. މީގެ ނަތީޖާ އަކީ، މިހާތަނަށް ކަންކަން ވެފައިވާ ގޮތަށް ބަލާއިރު، އަނެއްކާވެސް ސަރުކާރާއި ކައުންސިލްތަކާ ދެމެދު ކޯޅުންތަކެއް ފެށުން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ކަންކަން ފެންނަނީ ވެސް ހަމަ އެގޮތަށެވެ.

ހުރިހާ ކައުންސިލަރުން ހުވާ ކުރައްވައި ނުނިމެނީސް މިހާރު ވެސް މިއޮތީ އޭގެ ކަންތައް ލައްވާލައިފަ އެވެ. ފުވައްމުލަކު އަށް އަވަށުގައި ހިންގި ކައުންސިލް އިދާރާތަކުގައި ހުރި މުދަލާއި ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގެ ޓީމަކުން ގޮސް އިއްޔެ ކުއްލި ގޮތަކަށް ގެންދަން މަސައްކަތް ކުރީ އެވެ. އަލަށް ސިޓީއެއްގެ ދަރަޖަ ދިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން މެމްބަރުން އޭރު އަދި ހުވާ ވެސް ނުކުރައްވަ އެވެ. އެކަމަކު ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ލިޔެކިޔުމެއް ނެތުމުން ކައުންސިލްގެ އެއްބާރުލުން ނުލިބި މައްސަލަ ހޫނުވީ އެވެ.

ބައެއް ރަށްރަށުން ބުނާ ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ނުލިބުމުން، ސަރުކާރުގެ އެކި އިދާރާތަކުގެ ޔުނިޓްތަކެއް ކޮންމެ ރަށެއްގައި ވެސް ގާއިމް ކުރާ ގޮތަށެވެ. ބޭނުމަކީ ކައުންސިލްތަކާ ނުބައްސައި ރަށްރަށުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އެއީ މާލެ އާއި އައްޑޫއެކޭ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމެވެ.

ފުވައްމުލަކަށް ދިޔަ ހައުސިން މިނިސްޓްރީގެ ޓީމުން، ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސިޓީގައި ޔުނިޓްތައް ގާއިމްކުރާނެ ވާހަކަ ބުނެފައިވާ ކަމަށް ކައުންސިލަރުން ވިދާޅުވެ އެވެ.

ސަރުކާރުގެ ބާރު ކައުންސިލްތަކަށް ނެތުމުން، ލާމަރުކަޒީ ގާނޫނުގެ ބާރު ހަނިކޮށް، މުސާރަ އިޔާދަ ކުރުމާ ދެކޮޅު ހެދުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެކެވެ. އާ ކައުންސިލްތަކުގެ އަމަލީ މަސައްކަތް އަދި ކިރިޔާ ފެށުނީ އެވެ. ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ކައުންސިލަރުންގެ އަތްމަތީގައި ކަމަށް ވިޔަސް ސަރުކާރަށް އެއްބާރުލުން ލިބޭތޯ ބެލުމަށް މަސައްކަތް ނުކޮށް، އޭގެ ކުރިން ފިޔަވަޅުތައް އަޅާ ނަމަ އެއީ ސަރުކާރުގެ ނިޔަތް ވަރަށް ބޮޑަށް ގޯހީ އެވެ.

އާ ކައުންސިލްގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ހުވާލައިދެއްވި އާދަމް މުހައްމަދާ ޝިފާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ސަރުކާރުން ކުރިން ގޮތް ނިންމައިގެން ތިބިއްޔާ އެއީ ރަނގަޅު ކަމަކަށް ނުވާނެ. ފުވައްމުލަކު ކައުންސިލަށް ވެސް އެ ހަދަނީ މާލޭގެ ސިޓީ ކައުންސިލަށް ހެދި ގޮތް. ބާރުތައް ހަނިކޮށްލަނީ. އަޅުގަނޑު ގަބޫލެއް ނުކުރާނަން އެއްވެސް ކައުންސިލަކުން ސަރުކާރަށް ޖެއްސުންކޮށް، އުނދަގޫ ކުރާނެ ކަމަކަށް،" އެންމެ ފަހުން މާލޭގައި އޮތް ސިޓީ ކައުންސިލްގެ މެމްބަރު އަދި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

"ސަރުކާރުން ވެސް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާ ނަމަ ލާމަރުކަޒީ ނިޒާމު ރަނގަޅަށް މި ރާއްޖޭގައި ހިނގާނެ. އަޅުގަނޑު އުންމީދު ކުރަނީ 2018 ގައި މި ސަރުކާރު ހޮވެން ބޭނުން ނަމަ، އާ ކައުންސިލްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް. ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބުނެފައި އެ އޮތީ ލާމަރުކަޒީ ނިޒާމު ބޭނުންވާ ވާހަކަ. އެހެންވީމާ އެ ނިޒާމު އޭގެ އެންމެ ހެޔޮ ގޮތުގައި ކުރިއަށް ގެންދަން ޖެހޭ."

ހޯމް މިނިސްޓަރު އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށް ވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަޒްލީން އަހުމަދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާއި ކޮންމެ ފިކުރެއްގެ ކައުންސިލެއް އޮތަސް އެކަން ނުހުއްޓޭނެ ގޮތަށް ސަރުކާރުން ކަންކަން ބައްޓަން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިދިކޮޅު ޕާޓީތަކުގެ އަމާޒަކީ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ވަނީ ނަމަ މައްސަލައެއް ކުރިމައްޗެއް ނުވާނެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ. ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެއްވެސް ކަމަކަށް ސަރުކާރަކުން ބުރުލެއް ނާރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެކި ވުޒާރާތަކުން ރަށްރަށުގައި ކުރާ ކަމަކާ ގުޅުވައިގެން ކައުންސިލްތަކުން ވަކި ވިސްނުމެއް ގެންގުޅޭ ނަމަ ތަފަތާ ވެދާނެ. އެއީ ސަރުކާރުން ބޭނުމެއް ނުވާނެ ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތްތައް ހުއްޓޭ ހިސާބަށް ދާކަށް."

ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އަޒްލީން: ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދޭނެ ކަމަށް ވިދާޅުވި.---މިހާރު ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުން އިހުނަށް ވުރެ ބޮޑަށް، ކައުންސިލްތަކާ ގުޅިގެން މިފަހަރު މަސައްކަތް ކުރާނެ އެވެ.

އަޒްލީން އެހެން ވިދާޅުވި ނަމަވެސް ސިޓީ ކައުންސިލްތަކުގެ ބާރުތައް، އާ ކައުންސިލްތައް ހުވާކުރިއިރު ވެސް އޮތީ ހަނިކޮށްފަ އެވެ. އެންމެ ފަހުން އުފެއްދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރު ރައީސް އަބްދުﷲ ޔާމީން ވަނީ ގާނޫނުގެ ތެރެއިން ހަނިކުރައްވައިފަ އެވެ. އެ ބާރުތައް ސިޓީ ކައުންސިލްތަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. އެހެންވެއްޖެ ނަމަ އެމްޑީޕީ އަށް ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް އޮތަސް ސިޓީ ކައުންސިލްތަކުން އެ ސިޓީތަކުގެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ އެއްވެސް ބާރެއް ނެތެވެ. ހަމަ ނަމެއްގައި ތިއްބެވި ބޭފުޅުންތަކެކެވެ. އެންމެ ފަހުން އޮތް މާލޭ ސިޓީ ކައުންސިލްގެ ހާލަތަށް ބަލާއިރު، ކައުންސިލަރުން އޮފީހުގައި އިށީނދެވަޑައިގަންނަވާނެ ގޮނޑިއެއް ނެތެވެ. ކައުންސިލްގެ މުހިންމު ހުރިހާ މަސައްކަތެއް އޮތީ ސަރުކާރަށް ނަގައިފަ އެވެ.

އަޒްލީން ދެކެވަޑައިގަންނަވާ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ކުޑައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭނާގެ ބަހުން ނަމަ ސަރުކާރުން ކުރި ކަމަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ގާބިލްކަން ސިޓީ ކައުންސިލްތަކުގައި ނެތުމުން، ސަރުކާރުން ސީދާ ޚިދުމަތް ދެވޭނެ ގޮތް މަގުފަހިކޮށްދިނީ އެވެ.

"މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ ކެޕޭސިޓީ ނެތިގެން އެ މީހުން ފެއިލްވެ، ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ހިސާބަށް ދާކަށް ސަރުކާރަށް އެފޯޑެއް ނުކުރެވޭނެ. ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މާލެ އާއި އައްޑޫ ސިޓީ ކައުންސިލްތަކުގައި ފަހިކޮށްދިނީ. މިއީކީ ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ވެސް ކަންކަން ހިނގާނީ ހަމަ އެ އުސޫލުންނެވެ. ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ޚިދުމަތް ދެވޭނެ ގޮތަށް ސަރުކާރުގެ އެކު މިނިސްޓްރީތަކުގެ ޔުނިޓްތައް ފުވައްމުލަކުގައި ވެސް ގާއިމް ކުރަނީ އެހެންވެގެން ކަަމަށް އޭނާ ވިދާޅުވެ އެވެ.

އަލަށް ހުވާކުރެއްވި ކައުންސިލަރުންނާ އެކު، ސިޓީ ކައުންސިލްތަކުގެ ބާރު އެ ކައުންސިލްތަކަށް ދެއްވޭނެ ނޫންތޯ ދެންނެވުމުން އަޒްލީން ވިދާޅުވީ މިހާރު ވެސް ގިނައިން ހޮވިފައި ވަނީ ހަމަ ކުރިން އެ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"އެހެންވީމާ ވަކި ތަފާތެއް ފެންނާނެ ކަމަކަށް ނުބެލެވޭ. ކައުންސިލްތަކުގެ ބާރު މި ކަނޑައަޅަނީ ގާނޫނުގެ ތެރެއިން. އެހެންވީމާ އެ ބާރުތަކަށް އެންމެ ދުވަހަކުން ބަދަލެއް ނުގެނެވޭނެ. ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްލީމާ އެނގޭނީ ވާނެ ގޮތް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ އެއްވެސް ކައުންސިލަކާ ޖައްސާލައިގެނެއް ނޫން. މިއުޅެނީ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ގޮތްތަކެއް ހޯދަން. މާލެ އާއި އައްޑޫ ސިޓީ ކައުންސިލްތަކުން މީގެ ކުރިން ކަންކަން ރަނގަޅަށް ކުރެއްވި ނަމަ މިއަދު މި ޝަކުވާތަކެއް އަންނާކަށް ނުޖެހުނީސް."

އެކަމަކު އަޒްލީންގެ އެ ވާހަކަތަކުގެ އަނެއް ފަރާތް، އެންމެ ފަހުން އޮތް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އަދި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ދެއްކެވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ މިހާރު ވެސް ދިރިހުރި ކަމެކެވެ. މި ރޯދަމަހުގެ ފުރަތަމަ 10 ނިމުމާ ގާތަށް ދާއިރު ވެސް އައްޑޫގައި ގާއިމްކޮށްފައިވާ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް އުޅެނީ އެ ސިޓީން ޒަކާތް ބަލައިނުގަނެވިގެންނެވެ. ސިޓީ ކައުންސިލުން މިހާތަނަށް ކުރަމުން އައި އެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާއިރު، ޒަކާތް ބަހާނެ ގޮތެއް އެ މިނިސްޓްރީ އަށް ނޭނގިގެން އުޅޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސިިޓީ ކައުންސިލްގެ އާ މެމްބަރުން ރޭ ހުވާ ކުރައްވަނީ.

"ފަގީރުންގެ ލިސްޓެއް [އިސްލާމިކް މިނިސްޓްރީގައި] ނެތް. ޒަކާތް ބަހާނެ ގޮތެއް ނޭނގިގެން އުޅެނީ. އަަޅުގަނޑުމެން ނުލާހިކު ރަނގަޅަށް ކުރަމުން އައި ކަމެއް އަތުލުމަށް ފަހު، އަނެއްކާ އެބަ މަޝްވަރާކުރޭ އަޅުގަނޑުމެން މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދަން. މިހާރު ވެސް އެ މަޝްވަރާ އެބަ ދޭ. މި ފެންނަނީ ސަރުކާރުން މިގޮތަށް ރަށްރަށުގައި ހުންނަ މިފަދަ ކަންކަމުގެ ތެރެއަށް ވަނީމާ ވާ ގޮތް،" އައްޑޫގެ ގިނަ ބައެއްގެ ތާއީދު އޮންނަ ސޯބެ ވިދާޅުވި އެވެ.

މި ސަރުކާރުން ގޮތް ދޫކުރާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނޭ. ކައުންސިލުން މިއުޅެނީ ވަކި ދައުލަތެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ ކައުންސިލުން ރަށްރަށުގެ ކަންކަން ކުރީމާ މާ ޚަރަދު ކުޑަކޮށް ކުރެވެއޭ. ރައްޔިތުންގެ މަޝްވަރާގެ މަތިން ކުރެވެއޭ. އައްޑޫ ސިޓީ ކައުންސިލުން އެކަން މިހާތަނަށް ވެސް ފެންނަމުން ދިޔައީ. އައްޑޫ ސިޓީ ކައުންސިލުން އަބަދުވެސް ސަރުކާރަށް އެއްބާރުލުންދޭ،" ސޯބެ

އަނެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ އައްޑޫގެ ބޮޑެތި މިސްކިތްތައް ބެލެހެއްޓުން، އައްޑޫގައި ހުންނަ އެމްއާރުޑީސީއާ ސަރުކާރުން ހަވާލުކުރި މައްސަލަ އެވެ. އައްޑޫ ސިޓީ ކައުންސިލުން 2011 އިން ފެށިގެން 2015 އަށް މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ދޫކުރީ އަހަރަކު ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ކަމަށް ވިޔަސް މިހާރު އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފައި ވަނީ ގިނަ އަދަދެއްގެ ފައިސާއާ އެކު ކަން ސޯބެ ފާހަގަކުރެއްވި އެވެ.

"އައްޑޫގެ 39 މިސްކިތެއް ހަ މަސް ދުވަސް ވަންދެން ބެލެހެއްޓުމަށް އެމްއާރުޑީސީއާ މި ހަވާލުކުރީ ހަ މިލިއަން ރުފިޔާ އަށް. އަޅުގަނޑުމެން ސިޓީ ކައުންސިލުން 65 މިސްކިތް ބެލެހެއްޓިއިރު ވެސް އަހަރަކު ހަ މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި ވެސް ނުދޭ. އަނެއްކާ އެމްއާރުޑީސީއާ ހަވާލުކޮށްގެން އެ އުޅެނީ މިހާރު ވެސް އެކި ވިޔަފާރިވެރިން ބަލަހައްޓަމުން ދާ ބޮޑެތި މިސްކިތްތައް. އެމްއާރުޑީސީ މީހުން ގޮސް މިސްކިތުގެ މަގު ކުނިކަހާލުން ފަދަ ކަމެއް މިކުރަނީ،" އައްޑޫ ސިޓީ ކައުންސިލާ ނުބައްސައި ކަންކަން ކުރުމުން ދިމާމާ ދޯދިޔާ ކަންކަން ފާހަގަކުރައްވައި ސޯބެ ވިދާޅުވި އެވެ.

ތިންވަނަ ފަހަަރަށް އައްޑޫގެ މޭޔަރު ކަމަށް އިންތިޚާބުކުރި ސޯބެ: ލާމަރުކަޒީ ނިޒާމު ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި މި ސަރުކާރުން ގޮތް ދޫނުކުރާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވި.

މި ހުރިހާ ކަމަކަށް ބަލާއިރު އާ ކައުންސިލްތަކާ އެކު ހަމަ މިފަދަ އެތައް މަންޒަރެއް ތަކުރާރު ވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މި ސަރުކާރުން ގޮތް ދޫކުރާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނޭ. ކައުންސިލުން މިއުޅެނީ ވަކި ދައުލަތެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ ކައުންސިލުން ރަށްރަށުގެ ކަންކަން ކުރީމާ މާ ޚަރަދު ކުޑަކޮށް ކުރެވެއޭ. ރައްޔިތުންގެ މަޝްވަރާގެ މަތިން ކުރެވެއޭ. އައްޑޫ ސިޓީ ކައުންސިލުން އެކަން މިހާތަނަށް ވެސް ފެންނަމުން ދިޔައީ. އައްޑޫ ސިޓީ ކައުންސިލުން އަބަދުވެސް ސަރުކާރަށް އެއްބާރުލުންދޭ،" އޭނާ ވިދާޅުވި އެވެ.

މިއީ މީގެ ކުރީގެ ކައުންސިލްތައް އޮތް ދުވަސްވަރު ވެސް ހަމަ ދެއްކި ވާހަކަ އެވެ. އާ ކައުންސިލަރުން ހުވާ ކުރެއްވުމަށް ފަހު، މިއަދު މަސައްކަތާ ހަވާލުވާއިރު ވެސް ހަމަ އެ ޝަކުވާތަކެވެ. އެ ވާހަކަތަކެވެ. ހައްލެއް ނެތެވެ. އެހެންވީމާ އާ ކައުންސިލްތަކުން މުޅިން އާ ބާބެއް ފެށި ނަމަވެސް، ސަރުކާރާއި ކައުންސިލްތަކާ ދެމެދު ލެވިފައިވާ ސިޔާސީ "ބޮޑު ފާރު" ވައްޓާލެވޭނެހެނެއް ހީއެއް ނުވެ އެވެ.