ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަށް "ޖިސްމާނީ ގެއްލުމެއް" ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން އެ މައްސަލަ ފުލުހުންނަށް ހުަށަހަޅާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ޕްރެސް ބްރީިފިންއެއް ގައި ކުޑޫ ވިދާޅުވީ އޭނާއަށާއި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމަށް ޖިސްމާނީ ގެއްލުމެެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ އިތުބާރު ހުރި ގޮތަކަށް އެ މައުލޫމާތު ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަަޅުގަނޑާ ރާއްޖެޓީވީގެ އާމިރުއަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިގެން އަޅުގަނޑު އިއްޔެގައި ފުލުހަށް ސިޓީއެއް ފޮނުވިން 1:43 ގައި. މިހާރު މިއަދު މިދަނީ 24 ގަޑިއިރު ވުމާ ހިސާބަށް، އަދި މިއަށް ޖަވާބެއް ނުދެއްވާ،" ކުޑޫ ވިދާޅުވި އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގައި އިންނަވާ މެންބަރަކަށް އެވަރުގެ ކަމެއް ވެގެން ހުށަހެޅީމާ ޖަވާބު ނުދެއްވެންޏާ، އާއްމު ރައްޔިތެއްގެ ޝަކުވާ ފުލުހުންގެ އިދާރާއިން ބަލާނެ އިރަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެންބަރު ކުޑޫ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ހަރަކާތްތެެރި އެއް މެންބަރެވެ. ކުއްލި މައްސލަތައް ހުށަހެޅުއްވުމާއި ވަޒީރުންނާ ސުވާލުކުރުން އަދި ގާނޫނުތަކާއި ބިލުތަކަށް އިސްލާހު ހުށަހެޅުއްވުމުގެ މަސައްކަތް އޭނާ ގިނައިން ކުރައްވަ އެވެ.