ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ޝާއިއުކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބި ސަބަބު ސާފުކުރަން ކަމާގުޅޭ އިދާރާތައް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ޖިންސީގޯނާކުރާ މީހުންގެ ދަފުތަރުގައި ހިމަނާފައިވާ 20 މީހަކު ތިބީ ގޭބަންދުގައި ކަމަށެވެ.

އެ މައްސަަލައަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެ ކަމުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންގެ މަޖިލީހުން ހޯދައި އެޅެން ހުރި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެ ކަމަށް ބަޔާންކުރާކަން ފާހަގަކޮށް ކުޑޫ ވިދާޅުވީ އެ ގާނޫނުތަކުގެ މަގްސަދަކީ އެފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައި، ކުޑަކުދިން އެފަދަ ކުށްވެރިންގެ ކިބައިން ރައްކާތެރިކުރުން ކަމަށެވެ. 

އެހެންވެ، އެފަދަ މީހުން ހުކުމްގެ މުއްދަތުގައި ޖަލުން ގޭ ބަންދަށް ބަދަލުކުރެވިފައި ވަނީ ކޮން ގޮތަކުންތޯ ސާފުކުރަން ބޭނުންވާ ކަަމަށް ވިދާޅުވި އެވެ. 

ކުޑޫ ވަނީ އެ މައްސަލާގައި ބައެއް މައުލޫމާތުތައް ސާފުކުރުމުގެ އިތުރުން އެކަމުގެ ގާނޫނީ ޒިންމާ އޮތް ފަރާތްތައް ދެނެގަނެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ. 

ސާފުކުރަން ކުޑޫ އެދިވަޑައިގަތް ކަންކަން: 

  • ލިސްޓުގައިވާ މީހުން ޖަލުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ކޮން ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން ކޮން ފަރާތެއްގެ ނިންމުމަކުންތޯ ބެލުން
  • ގޭ ބަންދުގައި ތިބުމަށް އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި އެ ޝަރުތުތަކަށް އަމަލުކުރޭތޯ ބަލަހައްޓަނީ ކޮން ފަރާތަކުން އޮޅުންފިލުވުން. 
  • އެ މީހުން ތިބި ގޭގެ އާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެ މީހުން ގޭ ބަންދަށް ބަދަލުކުރެވިފައިވާ ރަށް ރަށުގެ ކައުންސިލާއި އެކަމާ ގުޅުންހުރި ބެލެނިވެރިންނަށް މިކަން އަންގާފައިވޭތޯ ބެލުން.
  • އެ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅައިގެން އެމީހުން ހުރިތަން ބަހަލައްޓާ ނިޒާމެއް ގާއިމްކޮށްފައިވޭތޯ ބެލުމާ އެކު އެކަމާ ގުޅޭ ވުޒާރާ އިން އެކަމަށް ގެންގުޅޭ ސިޔާސަތު އޮޅުންފިލުވުން.
  • އެ މީހުން އަނބުރާ ޖަލަށް ގެންދަން ކުރާ މަސައްކަތް ސާފުކުރުން. 

ކުޑޫ އެދިވަޑައިގެންފައި ވަނީ އެ މައްސަލައަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ނާޒުކު ކަމަކަށްވާތީ އެކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށެވެ.