ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އިދިކޮޅު އެމްޑީޕީން އެންމެ ގިނަ ސުވާލުކޮށްފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ކަމަށް އެޕާޓީގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އެންމެ ގިނައިން ސުވާލުތައް އަމާޒުކުރެއްވި 8 ވަަޒީރުންގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި އާންމުކުރައްވައި ކުޑޫ ވިދާޅުވީ ޖުމްލަ 258 ސުވާލު ވަޒީރުންނަށް ފޮނުއްވި ކަމަށެވެ. އޭގެ ތެރެއިން 180 ސުވާލު އަމާޒުވެފައި ވަނީ އެ 8 ވަޒީރުންނަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެ މައުލޫމާތުގައިވާ ގޮތުން އެންމެ ގިނައިން ސުވާލުތައް އަމާޒުކުރެއްވި ހައުސިން މިނިސްޓަރު މުއްތަލިބަށް 56 ސުވާލުގެ ނޯޓިސް ފޮނުވާފައިވެ އެވެ.
އޭގެ ތެރެއިން 16 ސުވާލަކަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާއިރު 11 ސުވާލަކަށް ޖަވާބުދިނުމަށް ދިން މުއްދަތު ހަމަވެފައި ނުވަތަ އަނބުރާ ނަގާފައިވެ އެވެ. އަދި 29 ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު އަދިވެސް އެބަ އޮތް ކަމަށް އެ މައުލޫމާތުން އެނގެ އެވެ.
އިތުރު މިނިސްޓަރުން:
- ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު: 26 ސުވާލުކުރި.
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: 22 ސުވާލުކޮށްފައިވާއިރު އޭގެ ތެރެއިން 9 ސުވާލަކަށް ޖަވާބުދެއްވާފައިވޭ. ދެ ސުވާލަކަށް ޖަވާބުދިނުމުގެ މުއްދަތު ހަމަވެފައިވާއިރު 11 ސުވާލަކަށް ޖަވާބު ދިނުމުގެ ފުރުސަތު އަދި ހަމަނުވޭ.
- ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު: 20 ސުވާލުކޮށްފައިވާއިރު ޖަވާބު ދެއްވީ 3 ސުވާލަށް. ހަތަރު ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު ހަމަވެފައިވާއިރު 13 ސުވާލަކަށް ޖަވާބު ދެއްވުމަށް އަދިވެސް މުއްދަތު އެބަ އޮތް.
- ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: 19 ސުވާލެއްކޮށްފައިވާއިރު އެ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވުމަށް މުއްދަތު އެބަ އޮތް. އެކަމަކު މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވާ.
- ހޯމް މިނިސްޓަރު އަލީ އިހުސާން: 18 ސުވާލުކޮށްފައިވާއިރު އޭގެ ތެރެއިން 12 ސުވާލަށް ޖަވާބުދެއްވި. އަދި ތިން ސުވާލަކަށް ޖަވާބުދެއްވުމުގެ މުއްދަތު ހަމަވެފައިވާއިރު ބާކީ ތިން ސުވާލަށް ޖަވާބު ދެއްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް.
- ހެލްތު މިނިސްޓަރު ގީލާ އަލީ: 10 ސުވާލުކޮށްފައިވާއިރު 4 ސުވާލަކަށް ޖަވާބުދެއްވި އަދި 1 ސުވާލަށް ޖަވާބު ދެއްވުމުގެ މުއްދަތު ވަނީ ހަމަވެފައި. އިތުރު ފަސް ސުވާލަށް ޖަވާބު ދެއްވުމަށް މުއްދަތު އެބަ އޮތް.
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: 9 ސުވާލުކޮށްފައިވާއިރު 5 ސުވާލަކަށް ޖަވާބުދެއްވި. އަދި އެއް ސުވާލަށް ޖަވާބު ދެއްވުމުގެ މުއްދަތު ވަނީ ހަމަވެފައި. އިތުރު ތިން ސުވާލަށް ޖަވާބު ދެއްވުމަށް މުއްދަތު އެބަ އޮތް.
މިނިސްޓަރުންނާ ކުރާ ސުވާލުތަކަށް ލިޔުމުން ނުވަތަ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ޖަވާބު ދިނުމަށް އެދެވެ އެވެ.