ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސް ނުކޮށް ގަރާރު ބާތިލުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށްފި އެވެ.

އެ ބަދަލު ހިމެނޭ ގޮތުން މަޖިލީހުގެ ގަވައިދަށް ބައެއް ބަދަލުތައް ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އާއްމު ކޮމިޓީން ގެނައި ކުދިކުދި ބައެއް ބަދަލުތަކާ އެކުގަ އެވެ. ހަންނާނުގެ ހުށަހެޅުމުގައިވާ އިބާރާތަށް ކޮމިޓީން ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައި ނަަމަވެސް އެ ހުށަހެޅުމުގެ މަފްހޫމަށް ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެ އެވެ.

އިބާރާތްތަކަށް ގެނައި ބަދަލުތަކާ އެކު އާއްމު ކޮމިޓީން މިއަދު ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކުރީ އެ ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓުދެއްވައިގެންނެވެ.

އެ ރިޕޯޓް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ މުޅިން ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި އެ ރިޕޯޓަށް ކުރި ބަހުސްގައި އިދިކޮޅު ބައެއް މެންބަރުން އެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. 

މަޖިލީހުގެ ގަވައިދު އެގޮތަށް ބަދަލުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ސަރުކާރު ޖަވާބުދާރީކުރުވުމާއި ސަރުކާރުން ކުރާ ކަންތައްތަކަށް ފާރަވެރިވުން ކަމަށް ވާއިރު ގަވައިދު އެގޮަތަށް ބަދަލުކުރުމުން އެކަމަށް ހުރަސް އެޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދަކީ ގާނޫނެއް ކަމަށާއި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި މައްސަލަތަކާއި ގަރާރުތަކަށް ތަފާތު އިޖުރާއަތްތަކެއް އެ ގާނޫނުގައި ކަނޑައަޅާފައި އޮތީ ވަކި މަގުސަދެއްގައި ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ މައްސަލަތައް މަޖިލީހަށް ގެނެސް ބަހުސްކުރުމަކީ އޮންނަން ޖެހޭނެ ފުރުސަތެއް ކަމަށާއި އެ ފުރުސަތު ނުދިނުމަކީ ހުދުމުހުތާރު ސިފައެއް ކަމަށެވެ. 

"މިރާއްޖޭގައި އަލަކަށް ނޫން މިއުޅެނީ ރައްޔިތުންގެ މަޖިލީހެއް އުފަންވެގެން. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލިސް، މިކަން އަބަދުވެސް އޮންނަނީ މިގޮތަށް [ވޯޓަށް އެހުމުގެ ކުރިން ގަރާރަށް ބަހުސްކުރާ ގޮތަށް]،" ޝަމްހީދު ވިދާޅުވި އެވެ.

އެ ދެ މެންބަރުންނަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގައި ކަންތައްތައް ހިނގާ ގޮތް ބަލައި އެގޮތަށް ބައެއް ކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. 

"ބައެއް މަޖިލިސްތަކުގައި ބިލު އަންނަ ގޮތަށް ބަހުސްކުރުމުގެ ބަދަލުގައި ކޮމިޓީތަކަށް ދަނީ. ކޮމިޓީތަކުގައި ދިރާސާކޮށް، ބައެއް ބިލުތަކަކީ ތަޅުމަށް ނައިސް އަނބުރާ ފޮނުވާލާ ބިލުތައް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފައިހަަމަކުރެވޭ ތަނަކަށް ހަދަން މަޖިލީހުގެ ބައެއް ކަންތައްތަކަށް ބަދަލުގެންނަން ވިސްނާވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ކުރިން އޮތް ގޮތުން މެންބަރުން ހުށަހަޅުއްވާ ގަރާރުތައް މަޖިލީހަށް ބަލައިގަތުމާ މެދު ތަޅުމުން ގޮތެއް ނިންމަނީ ބަހުސްކުރުމަށް ފަހުގަ އެވެ. އެކަަމަކު ގަރާރު ތަޅުމަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަނީ ރިޔާސަތުންނެވެ.