ރައްޔިތުންގެ މަޖިލީހަށް 100 އަހަރު ވާން ކައިރި ވެފައިވާއިރު، ކޮންމެ ދުވަހަކު ހަދާނެ ގާނޫނުތަކެއް މިހާރު ނުހުންނާނެ ކަަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށެވެ. އެހެންވެ، ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނަން ޖެހޭނެ 100 އަހަރު މިވަނީ ގާނޫނު ހަދާތާ، ދެން އަޅުގަނޑުމެން ކޮންމެ ދުވަހަކު ހަދާނެ ގާނޫނުތަކެއް ނުހުންނާނެ އިނގޭތޯ،" ސަލީމް ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހަށް ބިލުތައް ނުފޮނުވާތީ ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައި، އޭނާ ވިދާޅުވީ އިދިިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވެސް މަޖިލީހަށް ބިލު ހުށަހެޅުއްވުމުގެ ބާރު އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ގާނޫނުތައް ހަދަން ޖެހޭނީ ހަމައެކަނި އާ ކަންތައްތަކަށް ކަމަށް ވާއިރު މަޖިލީހަށް ކުރެވޭނެ އަނެއް މަސައްކަތަކީ ބަދަލު ގެންނަން ޖެހޭ ގާނޫނުތަކަށް ބަދަލު ގެނައުމެވެ.
މަޖިލީހުން ކުރާ މަސައްކަތް މަދުކަމަށް ބުނާ ބުނުމަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވެސް މިއަދު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މި މުއްދަތުގައި ކުރި މިންވަރަށް ވުރެ ގިނަ މަސައްކަތް މިހާރު މިހާރު އޮތް މަޖިލީހުން ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން މި ބޭފުޅުން އެވާހަކަ ދައްކާ ވަރުން މީގެ ދުވަސްކޮޅެއް ކުރިން ބަލައިލިން، ދެ މަޖިލީހުގައި މިހާ ހިސާބަށް އައިއިރު މަސައްކަތް ކުރެވިފައި ހުރީ ކިހިނެތްތޯ، އޭރުގައި ބެލިއިރު ގާތްގަނޑަކަށް ވިއްސަކަށް ބިލުގެ މަސައްކަތް އިތުރަށް ކުރެވިފައި ހުއްޓޭ އިއްޒަތްތެރި ރައީސް، މި މަޖިލީހުގައި،" ފަލާހު ވިދާޅުވި އެވެ.
މިހާރު އޮތް މަޖިލީހުގެ ހުރިހާ ޗުއްޓީއެއްގައި މެންބަރުން ނެންގެވީ ޗުއްޓީގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގައި މަސައްކަތް ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަނީ މަސައްކަތް ނުކުރާތީ ނޫން ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.