އުއްތަަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރަށުކައުންސިލްތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އުުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓްތަކުގައިވާ ގޮތުން އެ ދެ މަގާމުގެ މުސާރަ އަކީ ވެސް މަހަކު 95،125.ރ ކަމަށް ކަނޑައަޅަން އެކޮމިޓީން ނިންމީ އެ ދެ މަގާމުގެ މުސާރަ ވެސް މަޖިލީހުގެ ނައިބު ރައީސްގެ މުސާރައާ އެއް ހަމައެއްގައި އޮތުމުންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައިސްގެ މުސާރަ ބޮޑުކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓްދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 40 މެންބަރަކު ވޯޓުދެއްވައިގެންނެވެ. ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ 12 މެންބަރުން ވޯޓް ދެއްވި އެވެ.
މަޖިލީހުން ގެނައި އަނެއް ބަދަލަކީ ވަޒީރުންގެ ކާރުކޮޅުތަކަށް ތެޔޮއެޅުމާއި ޑްރައިވަރުންނަށް ދޭ ލިވިން އެލަވަންސެއް ހިމަނައިގެން ވަޒީރުންގެ މުސާރައަށް 17،000.ރ އިތުރުކުރުމެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 30،500.ރ އަދި ނައިބުރައީސުންގެ މުސާރަ 25،00 އަށް އަދި ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ 23،000ރ. އަށް ބޮޑުކުރަން ވެސް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ.
މި ބަދަލުތައް ގެންނަން މާލިއްޔަތުކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓްތަކަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ މުސާރައަށް އެ ބަދަލު ގެންނަނީ ރައްޔިތުންގެ ގިނަ ކަންތައްތަކެއް ނުކޮށް އޮތް ވަގުތެއްގައި ކަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި، ޕީއެންސީގެ މެންބަރުން ވިދާޅުވީ އެއީ ދައުލަތުގެ އިސް ބައެއް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މެދުގައި މުސާރައިގެ ބޮޑު ފަރަގެއް އޮތުމުން އެ ފަރަގު ނައްތާލަން ގެނައި ބަދަލެއް ކަމަށެވެ.