"މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" ގެ ނަމުގައި ރަސްމާލޭގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމާ ދެކޮޅަށް، އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި މިއަދު ހަރަކާތެއް ފަށްޓަވައިފި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ވެރިކަން ބަދަލުވުމުން ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވައި އެ ގައުމުގައި ވިޔަފާރިއެއް ކުރައްވަމުން ގެންދެވި އިމްރާނާއި، ސިޔާސީ ބައެއް ފަރާތްތައް ހިންގާ މި ހަރަކާތް އިއުލާންކުރީ މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ކަމަށްވާ ހުސެއިން ޒިޔާދު (ފިއްޓޭ) އާއި އަމީން ފައިސަލާއި، މައުރޫފް ޒާކިރާއި، އިދިކޮޅު ޕީއެންއެފްގެ ފަރާތުން މުހައްމަދު މަލީހު ޖަމާލާއި، އިސްމާއީލް ޒަރިޔަންދު އަދި، ގާނޫނީ ވަކީލް އަލީ ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިމްރާން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރަސްމާލެ ހެދީ އާއްމުންގެ ބޭނުންތަކަށް ހުރި ޑޮލަރު ހޭދަކޮށްގެން ކަމަށާއި، ނަމަވެސް އެތަން މިހާރު ބަޔަކަށް ދޫކޮށްލަން އުޅެނީ ޒަޔަނިސްޓުންނަށް ބާރު ލިބޭ ގޮތަށް ކަމަށެވެ.
އިމްރާން ވިދާޅުވީ އީގަލް ހިލްސް އަށް ރަސްމާލެ ދޫކޮށްލަން މިދިޔަ މަހެއްހާ ދުވަހު އެތައް ބަޔަކު ހިމޭން އިހުތިޖާޖެއް ކުރި ކަމަށާއި، އޭނާގެ މި ހަރަކާތަކީ އެ ހުރިހާ އަޑުތަކެއް އެއްކޮށްލުން ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކާއި، އަމިއްލަ ފަރުދުންނާއި، ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގެ މީހުން ގޮވާލައްވައި އިމްރާން ވިދާޅުވީ ސަރުކާރުން މިކަން ހުއްޓާލަން ދެން ހަރަކާތް ވަރުގަދަކޮށް ދެމި އޮންނާނެ ކަމަށެވެ.
އިމްރާނަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނުމާ ދެކޮޅަށް ހިންގި ހަރަކާތުގެ ވެސް އެއް ލީޑަރެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ މައިގަނޑު އަސްލަކީ ވެސް އެ ހަރަކާތްތަކެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީއާ ސިޔާސީ ގޮތުން އެއްގަލަކަށް އަރައި، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ބަދަލުކުރަން ވެސް މަސައްކަތްކުރައްވައިފަ އެވެ.
އިމްރާނާއި، ބައެއް އެހެން ސިޔާސީ ފަރާތްތަކުގެ ތުހުމަތުތައް ދޮގުކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތް ފިޔަވައި އެހެން ބަޔަކަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ. ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަން ޖެހޭނެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ،" އޭނާ ވިދާޅުވެފައިވެ އެވެ.