ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" މިރޭ މާލޭގައި އެއްވުމެއް ބާއްވައިފި އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެ އެއްވުމުގައި އިދިކޮޅުގެ ބައެއް ލީޑަރުން ވެސް ބައިވެރިވެގަތެވެ.
އެ އެއްވުމުގައި ބައިވެރިވެވަޑައިގަތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުން އަދި ފުލުހުންނާއި ސިފައިން ވެސް ބަސް ބުނަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.
"މިކަމަށް މިހާރު ބައިވެރިނުވާ ކޮންމެ މީހަކު މިކުށުގައި ބައިވެރިވާ މީހެއް... ދެން އެހެންވީމަ ދެން އަންނަ ބަޔަކު އައިސް މިކަން ބަދަލު ކުރާއިރު މި އެންމެނަކީ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ މީހުން. މި މީހުންނަކީ ޖިނާއީ ތަހުގީގެއް ހިންގޭނެ މީހުން،"
ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ. އަަދި އެކަމުގެ ބަދަލު އެ ކުންފުންޏަށް ނުދޭނެ ކަމަށާއި މިއީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއް ވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެންދޭ ބިމެއް ނޫން،"
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އޮންނައިރު އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ ބަސް ހޯދަންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި ޔާމީން ވިދާޅުވީ 500 ހެކްޓަރުގެ ބޮޑު ބައެއް އެ ކުންފުންޏަށް ދޭން ނިންމާފައިވާއިރު މިހާރުގެ އަގުން ނަމަ އެއީ 400-500 ބިލިއަން ރުފިޔާގެ އަގު ބޮޑު ބިމެއް ކަމަށެވެ.
އެހެންވެ އެވަރުގެ ބިމެެއް ދޫކޮށްލުމާ ދެކޮޅު ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވީ ރަސްމާލޭ މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ދީފި ނަމަ، ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ.
އެހެންވެ، ސިޔާސީ ކެމްޕެއިންތައް މަޑުޖައްސާލައި ސިޔާސީ ލީޑަރުންގެ ތަފާތުތައް ވެސް އެއް ފަރާތްކޮށް، އެ މަޝްރޫއުއާ ދެކޮޅަށް ތެދުވަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ އެއްވުމުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އޮންނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެހެންވެ ރަސްމާލޭގައި ވިޔަސް އަދި އެހެން ރަށެއްގައި ވިޔަސް ބޭރު ދީންތަކުގެ މީހުން އާބާދުކޮށް، ރަށްވެހިންނަށް ބަދަލުވުމުން، އެމީހުން ބަދަލުވަނީ ދައުލަތުގެ ބަޔަކަށް ކަމަށެވެ.
"ދައުލަތުގެ ބަޔަކަށް އެމީހުންވީމަ، ދައުލަތުގެ އަހުލުވެރިންނަށް އެމީހުން ވީމަ ދެން އުފެދޭ ސުވާލަކީ އެމީހުން އުޅޭނީ ކޮން ދީނަކަށް ހެއްޔޭ؟،" އޭނާ ސުވާލު އުފެއްދި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އެ މައްސަލައަކީ ރާއްޖޭގެ ދެމިއޮތުމާއި ނެތުމުގެ މައްސަލައެއްކަމަށް ވިދާޅުވެ އޭނާ ވަނީ އެ މަޝްރޫއުއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ އެކި ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި މިދިޔަ މަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ. އަދި އެ މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެއިން އާންމުންނަށް ދޭ ގޯތިތަކާއި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް، އެތަނަކީ އަވަހަށް ތަރައްގީ އަންނަ ތަނަކަށް ވާން ޖެހެ އެވެ. ރަސްމާލޭގެ އެއް ބައިގައި އީގަލް ހިލްސްގެ ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމީ އެ ތަރައްގީ ހާސިލްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިއަލް އެސްޓޭޓް ބިލްގައި ވަނީ ރާއްޖެއަށް އައުމުގެ ހުއްދަ ނެތް މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުން ޕްރޮޕަޓީ ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް ހިމަނައިފަ އެވެ.
އިޒްރޭލު ރަށްވެހިކަން އޮންނަ އަދި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ [ޑުއެލް ސިޓިޒެންޝިޕް] ގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާނެ އެވެ. އަދި ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރެފައިވާ މީހުންނަށް ރާއްޖެ ނާދެވޭނެ ކަމަށް އޮތްއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މީހުންގެ މައްޗަށް ވަނީ މިފަދަ އަމުރުތައް ނެރެފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.