ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަނޑުފުށީ ގޮނޑުދޮށުން އިންސާނެއްގެ ދަތްޕިލައެއްގެ ކަށިގަނޑެއް ލައްގާފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. 

ކަށިގަނޑު ފެނުނީ އެ ރަށަށް މިއަދު ހެނދުނު ދަތުރު ގޮސް އުޅުނު ތ. ވޭމަންޑޫ ޒުވާނެއް ކަމަށްވާ ހުސެއިން ޝާހު އަށެވެ. 

އޭނާ "މިހާރު" އަށް ކިޔައިން ގޮތުގައި ކަނޑުފުށީ ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުން އެ ދަތްޕިލަ ފެނުމާ ގުޅިގެން އޭނާ ވަނީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުން އެ ރަށަށް ގޮސް ކަށިގަނޑު މިހާރު ގެންގޮސްފައިވާ ކަމަށް ވެސް ޝާހް ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ދަތުރު ގޮސް އުޅުނު ބަޔަކަށް ކަނޑުފުށިން ކަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެކަމަކު މިހާތަނަށް ބެލިބެލުމުން އެއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއްކަން އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެެ. 

ފުލުހުން ބުނި ގޮތުގައި، އެކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އަންނަނީ ބަލަމުންނެވެ.

އެންމެ ފަހުން ތ. އަތޮޅަށް މީހަކު ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް ހިސާބުގަ އެވެ. އެއީ ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ގައި މިދިޔަ އަހަރުގެ އޭޕްރީލް ހިސާބުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ދޯނިން މޫދަށް ފުންމާލި އަލީ މުޝްފިގު މުހައްމަދު އެވެ. 

ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން އައި މުޝްފިގް ހޯދުމަށް އެމްއެންޑީއެފުން ވަނީ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް އޭނާ މިހާތަނަށް ފެނިފައެއް ނުވެ އެވެ. 

އެކަމަކު، ފަޅުރަށުން ފެނިފައިވާ ދަތްޕިލައާ އޭނާއާ ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނޫނެވެ.