އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުން މަތީ ތައުލީމުގެ ސްކޮލަޝިޕެއް ހަމަޖައްސައިފި އެވެ. 

މި ސްކޮލަޝިޕް ހަވާލުކޮށްފައިވަނީ އައިޔޫއެމްގެ ދަރިވަރު މުހައްމަދު ޝާން އަހުމަދަށެވެ.

މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަމަން އަހުމަދު ފާރިސް މައުމޫން ހަވާލުކޮށްދެއްވި ސްކޮލަޝިޕްގެ ދަށުން ޝާން ފުރިހަމަކުރާނީ އެ ޔުނިވާސިޓީގެ "މާސްޓަ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން" ކޯހެވެ.

މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި މި ސްކޮލަޝިޕަށް ދަރިވަރު ހޮވުމުގެ އެންމެހައި މަރުހަލާތައް ކުރިއަށްގެންގޮސްފައިވަނީ އިސްލާމީ ޔުނިވަސިޓީގެ ފަރާތުން މިނިވަންކަމާއި މުސްތަގިއްލުކަމާއެކުގަ އެވެ. މި ސްކޮލަޝިޕަކީ ކޯހުގެ ޓިއުޝަން ފީއާއި، ފޮތްތަކަށް ހިނގާ ހަރަދާއި، އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެ އިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން، ހުރިހާ ހަރަދެއް ފައުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.

މިމީގެކުރިން މިދިޔަ އަހަރުގެ ތެރޭގައި "މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސްޓަޑީޒް" ކޯހުގައި ކިޔަވަމުންދިޔަ ދަރިވަރަކަށް ވެސް ފައުންޑޭޝަނުން ސްކޮލަޝިފް ދީފައިވެ އެވެ. 

ސްކޮލަރޝިޕް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާރިސް މައުމޫން ވިދާޅުވީ، އައިޔޫއެމް ފަދަ އާންމުންގެ އިތުބާރު ލިބިފައިވާ މުހިންމު މުއައްސަސާއަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ފައުންޑޭޝަނަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވިދާޅުވީ ސްކޮލަޝިޕަށް ކުއްޖަކު ހޮވުމުގެ މަރުހަލާ ޔުނިވަސިޓީން ކުރިއަށްގެންދިޔައީ ފުރިހަމަ މިނިވަންކަމާއި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި މައުމޫން ފައުންޑޭޝަނުން ކުރިއަށްގެންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.