އިގްތިސާދީ ތަރައްގީއަކީ ގައުމުގެ އަސާސްތަކާއި މަސްލަހަތުތައް ގުރުބާންކޮށްގެން ހޯދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި ޔުނައިޓެޑް އަރަބް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުގައި ވެސް އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް އަށް ކަމެއް ހުށަހަޅައިފި އެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ މެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް، އެ މަޝްރޫއާ ގުޅޭ މައުލޫމާތު އެއްކޮށްގެން ސަލަފުން ނެރުނު ބަޔާނުގައި ޖުމްލަ އަށް ކަމެއް ކަށަވަރުކުރަން ސަރުކާރަށް ގޮވާލި އެެވެ.
އެ ބަޔާނުގައި ބުނީ އެ މަޝްރޫއު ހިމެނޭހެން ރާއްޖޭގައި ހިންގާ އެފަދަ ހުރިހާ މަޝްރޫއެއްގައި ވެސް ދިވެހި މުޖުތަމައުގެ އިސްލާމީ، ގައުމީ އުސޫލުތަކަށް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން އެއްބްސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވަލައިން މިޙާރު އޮތް ސަރުކާރަށާއި އަންނަން އޮތް ސަރުކާރުތަކަށް ގޮވާލާ ކަމަށެވެ.
"ރަސްމާލެ މަޝްރޫއު ހިމެނޭހެން، ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގުމުއްދަތަކަށް ތިބެވޭނެ ފަދަ ހާއްސަ ސަރަަހައްދުތަކުގެ ސަބަބުން، މުސްތަގުބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި މުތަމައުގެ އިސްލާމީ ޝަހުސިއްޔަތަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށާއި ޒަމާނުއްސުރެ ދަމަހައްޓަމުން އައި އިސްލާމީ ގައުމީ އުސޫލުތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަަސާސީން ކަށަވަރުކޮށްދީފައިވާ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ދުސްތޫރީ ނިޒާމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުަލަވައިލުމަށް އަދުގެ ސަރުކާރަށާއި މުސްތަގުބަލުގައި އަނަންން އޮތް ސަރުކާރުތަކަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެން އިލްތިމާސްކުރަމެވެ،" ބަޔާނުގައި ސަލަފުން ބުންޏެވެ.
އެ އިިލްތިމާސްއާ އެކު ބަޔާނުގައި ސަލަފުން ބުނީ ތަަރައްްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ އަށް ކަމެއް ކަށަވަރުކުރުން ކޮންމެހެން ލާޒިމުކަމަށް ދެކޭ ކަމަށެވެ.
ކަށަވަރުކުރަން ލާޒިމުކަމަށް ސަލަފުން ފާހަގަކުރާ ކަންތައްތައް
- އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުން
- ދައުލަތުގެ ސިޔާދަތީ އިސްތިރާޖީ (ސްޓްރެޓީކް) މިނިވަންކަން ހިމާޔަތްކުރުން
- އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
- ރައްޔިތުންނަށް އެންމެ މަތީ މަންފާލިބޭނެ އިގުތިސާދީތަރައްގީއަށް އަމާޒުހިފުން
- ދެފުށް ފެންނަ ހާމަކަންބޮޑު ސިޔާސަތެއް ގާއިމްކުރުން
- ހުޅުވާލެވިފައިވާ އިގުތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރުން
- ދާއިމީ މޮނިޓަރިން ނިޒާމެއް ގާއިމްކުރުން
- އިޖުތިމާއީ އަސަރުތައް ވަޒަންކުރުން
މި އަށް ނުކުތާގެ ތެރެއިން ހަވަނައަށް އޮތް ނުކުތާ (ހުޅުވާލެވިފައިވާ އިގުތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރުން) ތަފްސީލުކުރަމުން ބަޔާނުގައި ބުނި ގޮތުގައި ގައުމުގެ އިސްލާމީވަންތަކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ފުރުސަތު ބަންދުކުރުމެއް ނޫނެވެ.
އެކަމަކު ބޭރުގެ އިގްތިސާދީ ތަރައްގީއަކީ ގައުމުގެ އަސާސްތަކާއި މަސްލަހަތު ގުރުބާންކޮށްގެން ހޯދާ އެއްޗަކަށް ނުހެދުމަކީ ވެސް ހުޅުވާލެވިފައިވާ އިގުތިސާދާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކުރުމުގެ ގޮތުން ކަށަވަރުކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ނުކުތާގައި ބުންޏެވެ.
ރަސްމާލޭ މަޝްރޫއުގެ މައުލޫމާތު ހޯދައި ސަލަފުން ބަޔާނެއް ނެރެފައި މިވަނީ އެ މަޝްރޫއާ ގުޅޭ ގޮތުން އޮދިކޮޅު ސިޔާސީ ހަރަކާތްތެރިންނާއި ބައެއް ދީނީ އިލްމުވެރިން އެކި ތުހުމަތުތައް ކޮށް، ކަންބޮޑުވުންތައް ފާޅުކުރާތާ ދުވަސްކޮޅެއް ފަހުންނެވެ.
އެ މަޝްރޫއާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރާ ތުހުމަތު ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.
އެ މަޝްރޫއުގައި ބިނާކުރާ އެއްވެސް ތަނެއް ހޯދުން ނުވަތަ ގަތުން އިޒްރޭލުގެ ރައްޔިތުންނަށް ގާނޫނުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަދުވަހު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރާށެވެ.
ރައީސް ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލެ ތަރައްގީކޮށް ބިނާކުރާ ޕްރޮޕަޓީސްތައް ގަންނަ މީހުންނަށް އެ ތަންތަން ދެނީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ މީހުންނަށް ޖެހޭނީ އެ ތަނެއް ދިވެހި ދައުލަތަށް ވިއްކަން ކަމަށެވެ.
"ދައުލަތުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ، ވިއްކާނީ. ފުލް ކޮންޓްރޯލް، އޮތޯރިޓީ އޮންނާނީ ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް. އެހެންވީމަ، އޮޓޯއިން ރިނިއުވެ، އަނެއްކާ 99 އަހަރު ލިބި، އެ ކަހަލަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް ނޭނގި، އެހެން މީހަކަށް އެ ޕްރޮޕަޓީތަކުގެ އޯނާޝިޕް ވިއްކާ ނުލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ.