އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްޓީސީސީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވި ދެ ޑިރެކްޓަރުންނަކީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާން އެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގައި ވާގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް ޑިރެކްޓަރުން ތިބެން ޖެހެ އެވެ. އެއީ ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންނެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޓީސީސީން ވަނީ ސީއެމްޑީއޭގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތަށް އެ މަގާމުތަކަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލާން އެދިފަ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލެވޭނެ ބައެއް ޝަތުރުތައް:
- ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން
- ކުންފުނީގެ ވިޔަފާރި އާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން
- މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން
- ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުން
- ރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން
އޭގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށް ނުވުމާއި އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަގާމަށް ޝަރުތުހަމަވާ މީހުން މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މައުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ އެވެ.
އެ ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.