ކޮމަންވެލްތަކީ މިހާރަށް ވުރެ ހަރުދަނާ އަދި ފަސޭހައިން އިޖާބަދޭ ޖަމާއަތަަކަށް ހަދަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.
އެންޓިގުއާ އެންޑް ބާބުޑާގެ ސަންޓް ޖޯންސްގައި ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ ކުރިން ބޭއްވި ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަންނަން އެ ޖަމާއަތުން އެކުވެރިކަމާ އެކު މަސައްކަތްތަކެއް ކުރުން މުހިންމުކަމަށެވެ. ކޮމަންވެލްތުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރަން މިޒަމާނަށް ފެތޭ އަދި ކުރިއަރަމުން އަންނަ ޖަމާއަތަކަށް ވުން މުހިންމުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް އަށް) އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ތަރައްގީ ގެންނަން، މޫސުމީ ބަދަލުތަކަށް ފައިނޭންސް ހޯދައިދިނުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރު މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިހާރު އޮތް މާލީ ނިޒާމު އިސްލާހުކޮށް، ގައުމުތަކަށް ދިމާވެފައިވާ ނާޒުކުކަމަށް ރަނގަޅު ހައްލެއް ހޯދުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކުރާ ކުރުން އޭނާ ތަކުރާރުކުރެއްވި އެވެ. ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ސައިޒަށާއި ގާބިލުކަމަށް ބެލުމެއްނެތި ނިންމުންތައް ނިންމުމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވަނީ އިސް މަގާމުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކުރަން ގޮވާލައްވައިފަ އެވެ.
ކޮމަންވެލްތުގެ އާއިލާގެ ކުރިއެރުމަށްޓަކައި ކޮމަންވެލްތާއި އެ ޖަމިއްޔާގެ މެންބަރު ގައުމުތަކާ އެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދަމަހައްޓާ ސިޔާސަތު ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.
ސީއެޗްއޯޖީއެމް ފެށުމުގެ ކުރިން ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގެ ހުރިހާ ގައުމުތަކެއްގެ ޕާޓްނަޝިޕްތައް ބަދަހިކޮށް ގުޅިގެން ކުރިއަށް ދާން ލިބޭ މުހިންމު ފުރުސަތެކެވެ.