ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖޭން ކުރާ ވަކާލާތަށް ކޮމަންވެލްތުން ތައުރީފް ކޮށްފި އެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާ ބައްދަލުކުރެއްވުމަށް ފަހު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޖަމިއްޔާއާ އެކު، ރާއްޖޭން ބާއްވާ ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.
އަދި ކޮމަންވެލްތުގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމުގައި ރާއްޖޭން ކުރާ މަސައްކަތަށް ވެސް އޭނާ ތައުރީފު ކުރެއްވި އެވެ.
އެ ބައްދަލުވުމަށް ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެ އާއި ކޮމަންވެލްތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މިނިސްޓަރު އިރުތިޝާމް، ބޮޗްވޭއާއާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ރާއްޖެ، ކޮމަންވެލްތުން ވަކިވުމަށް ފަހު، އަލުން އެ ޖަމާއަތާ ގުޅިފައިވަނީ 2020 ވަނަ އަހަރު އެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.