އެސެސްމަންޓް ހަދަން ކޮމަންވެލްތުގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް އެ ޖަމާއަތުގެ ވަފުދެއް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.


ފޮރިން މިނިސްޓްރީން ބުނީ ހާލަތު ބަލަން މިއަދު މެންދުރުފަހު ޓީމެއް އައިއިރު، ކޮމަންވެލްތާ ގުޅުމުގެ މަސައްކަތުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާނީ ގަވަނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓަރު ކެޓަލައިނާ ސަޕްލޯ އެވެ. އެ ދަތުރުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަންސާސް ތިން މެމްބަރު ގައުމު ހިމެނޭ ޖަމާއަތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެ އައިސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އެއަށްފަހު މިިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބު އޮބްޒާވްކުރަން ވެސް އެ ޖަމާއަތުގެ ޓީމެއް އަ އެވެ. އެ އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތާ މެދު ކޮމަންވެލްތުން ވަނީ ހިތްހަމަޖެހިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް މިދިޔަ ޖޫން މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކާ ސްކޮޓްލޭންޑާ އަށް އަރުވައިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދާހިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަ ކަމަށް ބުނެ އެވެ. ނަމަވެސް ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.