ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަން ޖެހޭ: ލަންކާ

ރާއްޖޭން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމާއަތަށް ހުށަހެޅި ލިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި ކޮމަންވެލްތުގެ އެންމެ އަވަހަށް އޮންނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަން ޖެހޭ ކަމަށް އަވަށްޓެރި ސްރީ ލަންކާ އިން ބުނެފި އެވެ.


އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގެ ހަވާސާގައި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ ފޮރިން ސެކްރެޓަރީ ރަވިނަތަ އަރްޔަސިންހަ ވިދާޅުވީ އަންނަ އަހަރު ރުވަންޑާގައި އޮންނަ ކޮމަންވެލްތުގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަން ބޭނުންވާ ކަމަށެވެ.

ރުވަންޑާގައި އޮންނަ އެ ބައްދަލުވުމަކީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

"ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން، ދެކުނު އޭޝިއާގެ ގައުމެއްގެ ހައިސިއްޔަތުން ލަންކާ އާއި ރާއްޖެއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައި،" ކޮމަންވެލްތު މެމްބަރަކަށް ވުމުގެ މަސައްކަތް ރާއްޖޭން މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވީ ކޮމަންވެލްތުގެ ވަފްދަކުން މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ހާލަތު ބަލަން ދިޔަ އިރު، އެ ގައުމުން ރަނގަޅު ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ކޮމަންވެލްތާ ގުޅެން ނިންމައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ ޖަމާއަތާ ގުޅެން ފާސްކޮށްފައިވެ އެވެ.

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަށާއި ރާއްޖެއާ ބެހޭ ބައެއް ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ރާއްޖޭން ވަނީ ހުށަހަޅައިފަ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ކުރީގެ ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ އެތައް ފައިދާއަކުން މަހްރޫމްވި އެވެ.

ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ގަބޫލުކުރީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެނީ ކަމަށެވެ. ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވީ ޖުލައި 9، 1982 ގަ އެވެ.