މި ސަރުކާރުގެ ދަތުރުތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފި

ވޭތުވެދިޔަ ދެ މަހާއި ބައިގެ ތެރޭގައި މި ސަރުކާރުން ހަމައެކަނި ދަތުރުތަކަށް އެކަނި 29.3 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހާމަކުރާ މާލީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ހަފްތާއާ ހަމައަށް ސަރުކާރުން ވަނީ ދަތުރުފަތުރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ 20 ޕަސެންޓް ހޭދަކޮށްފައި ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި 141.9 މިލިއަން ރުފިޔާ ސަރުކާރުގެ ދަތުރުފަތުރަށް ކަނޑައަޅާފައިވެ އެވެ.

އާ ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ބޭރުގެ އެކި ގައުމުތަކަށް ތަފާތު ދަތުރުތައް ކުރައްވަމުންނެވެ. އެންމެ ގިނަ ދަތުރުތައް ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން، ގިނަ ގައުމުތަކަށް ވަނީ ވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޔޫއޭއީ އާއި ޖަޕާނާއި ސިންގަޕޫރާއި އެމެރިކާ ހިމެނެ އެވެ. އޭނާ މިހާރު ހުންނެވީ އާޖެންޓީނާގަ އެވެ.

ޝާހިދުގެ ދަތުރުތައް ބިނާކުރައްވާފައި ވަނީ މާލީ އެހީތެރިކަމާއި ރާއްޖެއަށް ބޭނުންވާ އެހެން އެހީތައް ވެސް ހޯއްދެވުމަށެވެ. އަދި ކުރީގެ ސަރުކާރުގެ ބައެއް ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އޮތް އެކަހެރިކަން ފިލުއްވަން ވެސް އޭނާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

މިހާތަނަށް އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެ އަށް ދޭން ނިންމައިފަ އެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ދާދި ފަހުން ވަނީ ރާއްޖެ އަށް 3 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ދީފަ އެވެ. މިއީ އެ ގައުމުން ދޭން އެއްބަސްވި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ އެހީތެ ތެރެއިން ބައެކެވެ.

މި އަހަރަށް ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 3.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.