ކުށް މަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދު ފުލުހުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނާ" އަކަަށް ވާންޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން އަންނަ އަހަރަށް އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރުކޮށީގައި ބޭއްވި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް" ގައި ސީޕީ ވިދާޅުވީ މުޖުތަމައުއަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިއަދުގެ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ކުރުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. އަދި އޭގެ ބަދަލުގައި ކުށްކުރަން މެދުވެރިވާ ސަބަބުތައް ހޯދައި ދެނެގަތުމާއި އެފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވުމަށް އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިން" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ވަރުގަދަ ހަށިގަނޑެއް ނުވަތަ ޖިސްމާނީ ބާރު ދައްކާ ބައެއް ކަމަށް ދެކުމަކީ ކުށްހީއެއް ކަމަށެވެ. އަދި ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭކަން ފާހަގަ ކުރައްވައި، ސީޕީ ވިދާޅުވީ އިލްމީ ގާބިލުކަމާއި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުން ތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުންނަ މީހަކަށް ފުލުހުން ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ކޮންމެ ފުލުހަކީ ވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭވޭނެ ފަދަ އޮފިސަރަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެ ކޮންފަރެންސްގެ ތެރެއިން ހުށަހަޅާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލައިގެންވާނެ އެއްޗެހި ނޫން ކަމަށެވެ. އަދި އެ ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ފުލުހުންގެ އަންނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަން ކުރުމުގެ މައިގަނޑު އަސާސްކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވި އެވެ.
ސީޕީ ވަނީ އެ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ނުހަދައި، މަސައްކަތުގެ ފޯކަސް ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތް މިހާރަށްވުރެ ފުރިހަމަ ކުރުމަށް ހުރިހާ ބައިވެރިން މަސައްކަތް ކުރުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
"ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިން ސޭފާ ކޮމިއުނިޓީސް ޓުގެދާ" ގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެ ކޮންފަރެންސް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.