ހުވަދު އަތޮޅުގައި ރިސޯޓު ތަރައްގީކުރަން ރަނގަޅު 55 ރަށެއް، ގދ. ތިނަދޫ ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅައިފި އެވެ.
އެ ސިޓީގެ މޭޔަރު ސައުދު އަލީ "މިހާރު"އަށް މިއަދު ވިދާޅުވީ ގއ. އަދި ގދ. އަތޮޅު، އިގުތިސާދީގޮތުން އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށެވެ. އެކަމުގައި، ޓޫރިޒަމްގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ރާއްޖޭގައި އެންމެ ގިނަ ފަޅު ރަށްތައް އޮތް އަތޮޅުގައި މި ވަގުތު އެންމެ ފުރިހަމަ 55 ރަށެއް ފާހަގަކޮށް، އެ ރަށްތަކުގައި ރިސޯޓު ގާއިމްކޮށްދިނުމަށް ހުށަހެޅީ ކަމަށް ސައުދު ވިދާޅުވި އެވެ.
ރިސޯޓު ތަރައްގީކުރެވޭނެ ރަށްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައީސަށެވެ. އެ ރަށްތަކުގައި ރިސޯޓު ތަރައްގީކުރަން ރައީސް ނިންމަވައިފި ނަމަ، އެކަން ކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީއަށް އިއުލާންކުރެވޭނެ އެވެ.
"ރާއްޖޭގެ އެހެން އަތޮޅުތަކަށް ވުރެ ޓޫރިޒަމްގައި ހަގީގަތުގައި ބޮޑު އެޑްވާންޖެއް އެބަ އޮތް ހުވަދު އަތޮޅުގައި. އެންމެ ގިނަ ފަޅުރަށްތަކާއި ފަޅުތައް މި އޮންނަނީ މި ތަނުގައި. ގުދުރަތީގޮތުން ފުރިހަމަ،" ސައުދު ވިދާޅުވި އެވެ.
ގއ. އަދި ގދ. އަތޮޅުގައި މި ވަގުތު ނުވަ ރިސޯޓު ހިންގަ އެވެ.
ރާއްޖޭގައި މިވަގުތު 175 ރިސޯޓް ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ލިސްޓުން ދައްކަ އެވެ. އޭގެ ތެރެއިން މިވަގުތު ހިންގަނީ 175 ރިސޯޓެވެ.