ރާއްޖޭގައި 7،000 އަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ފަރުވާ ކުރަމުން އަންނަ ކަމަށާއި މިއީ، ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވާ ބަލި ކަމަށް އެޗްޕީއޭ އިން ރޭ ބުނެފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ގާތްގަނޑަކަށް 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ހޮސްޕިޓަލްތަކުން އެއްކުރި މައުލޫމާތުތަކާ ހަވާލާދީ އެޗްޕީއޭއިން ބުނީ މިދިޔަ އޮކްޓޯބަރު 30 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހަކުރު ބަލީގެ އެކި ވައްތަރުތަކަށް ގިނަ ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބު

- ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން

- ޓައިޕް 2 ގެ ހަކުރު ބަލީގެ 7،000 މީހުން

- މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާކުރޭ

ޓައިޕް 1ގެ ހަކުރު ބައްޔަކީ ހަށިގަނޑުގައި ބޭނުންވާ ވަރަށް އިންސިއުލިން ނުއުފެއްދުމުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިއަސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމުން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ އެވެ.

އެޗްޕީއޭއިން ބުނީ އެއީ ކޮންމެ މަރުހަލާއެއްގައި ވެސް، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެހިދާނެ ބައްޔެއް ކަމަށެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

·      ސިއްހަތަށް ފައިދާހުރި ކާނާ އާއި ބުއިން ބޭނުންކުރުން

·      ކެއުމުގެ ވަގުތުތަކާއި، ކާ މިންވަރާ މެދު ސަމާލުވުން

·      ހެލިފެލިވެ އުޅުމާއި ގަވައިދުން ކަސްރަތުކުރުން

·      ހަށިގަނޑުގެ ބަރުދަން (ބީއެމްއައި) ސިއްހީގޮތުން ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުން

·      ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން

·      ދޭތެރެ ދޭތެރެއިން އަދި ހާއްސަކޮށް ހަކުރުބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އެ ބައްޔަށް ހުށަހެޅޭ ފަދަ ހާލަތެއްގައި އާއިލާ މީހަކު ހުރިނަމަ ދުރާލާ ޓެސްޓުތައް ހެދުން

ނަމަވެސް، 35.6 ޕަސެންޓު ފިރިހެނުން އަދި 7.6 ޕަސެންޓު އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް، ސްޓެޕް ސާވޭއިން ދައްކަ އެވެ. 

އެ ގޮންޖެހުންތަކުން އަރައިގަންނަން "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ހަކުރުބަލިން ރައްކާތެރިވުމާއި ބަލި ދުރާލާ ދެނެގަތުން އަދި ބައްޔަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެ ތެރެއިން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތަކުން ބަލި ހުރިތޯ ބެލުމަށް ކުރެވޭ ސްކްރީނިން އިތުރަށް ހަރުދަނާވެ، ބަލީގެ ނުރައްކާ އޮތް މީހުން ދެނެގަނެވި، ބަލި ޖެހިފައިވާކަން ދުރާލާ ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން 'ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' ތައާރަފް ކުރުމާއި މުޅި ރާއްޖޭގައި ހާއްސަ ފެތުމުގެ ހަރަކާތެއް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.