ހުޅުމާލޭގައި މިއަދު ފަށާ ވަރަ އެކްސްޕޯގައި، ސައުދީން ތައުލީމީ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި އެ ގައުމުގައި ހުރި ތައުލީމީ ފުރުސަތުތައް ދައްކާލުމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބައިވެރިވެއްޖެ އެވެ.

ސައުދީ އެމްބަސީން ބުނީ އެކްސްޕޯގައި އެ ގައުމުގެ އެކަޑެމިކް ދާއިރާއިން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، ދިވެހި ދަރިވަރުންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ދައްކާލާނެ އެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަހްޔާ ހަސަން އަލްގަހްސާނީ ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އެމްބަސީގެ ސްޓޯލަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވައިފަ އެވެ.

އެކްސްޕޯގައި ލިބޭނެ މައުލޫމާތު

  • ސައުދީ އަރަބިއްޔާގައި ހުރި ތައުލީމީ ފުރުސަތުތައް
  • ރާއްޖޭގައި އެ ގައުމުން ކުރިއަށްގެންދާ ތައުލީމީ ޕްރޮގްރާމްތަކާއި އެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތު
  • "ސްޓަޑީ އިން ސައުދީ" އިސްނެގުމުގެ ދަށުން، ސައުދީ އަރަބިއްޔާގެ މަޝްހޫރު ޔުނިވާސިޓީތަކާއި، ސްކޮލާޝިޕްތަކާއި އެކަޑެމިކް ޕްރޮގްރާމްތަކަށް އެދި ހުށަހަޅާނެ ގޮތް

ވަރަ އެކްސްޕޯގައި ސައުދީ އެމްބަސީގެ ސްޓޯލް ހުންނަނީ އެޑިޔުކޭޝަން ޒޯންގެ ބޫތު E14ގަ އެވެ.

ސައުދީ އެމްބަސީން ބުނީ ސްޓޯލަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ތައުލީމީ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވައިދިނުމަށް އެމްބަސީގެ ޓީމު ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯގައި ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވެ އެވެ.