ސިފައިންގެއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހިމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވެއްޖެ އެވެ. 

ގައުމީ ދިފާއީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އާދަމް އިބްރާހީމް މަނިކު އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އުމުރުން 79 އަހަރުގެ އާދަމް އިބްރާހީމް މަނިކުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ. 

އާދަމް އިބްރާހިމް މަނިކަކީ 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ޖިހާދެއް ކުރެއްވި ގައުމީ ބަތޮލެކެވެ. އެކަމުގެ އަގުވަޒަންކޮށް އޭނާއަށް ގިނަ މެޑަލްތަކެއް ވެސް ސަރުކާރުން ދީފައިވެ އެވެ.

އެގޮތުން ސިފައިންގެ ހިދުމަތުގައި ދެއްކެވި ނަމޫނާ އާއި ވަފާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަތް ކުލަ އާއި އަށް މެޑަލް އޭނާއަށް ލިބިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި 3 ނޮވެމްބަރުގެ މެޑަލް، މަތިވެރި ހިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އިހްލާސްތެރި ހިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް، ސިފައިންގެ ހިދުމަތުގެ މެޑަލް، އަހްލާގީ މެޑަލް، އަދި ސައްތައިގެ މެޑަލް ހިމެނެ އެވެ.

އޭނާ ވަނީ ވަރަށް ގިނަ އަހަރުތަކެއްވަންދެން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ބޮޑީގާޑެއްގެ ގޮތުގައި ވެސް ހިދުމަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން ބޭރުގެ އިއްޒަތްތެރިންގެ ސެކިއުރިޓީ ބެލެހެއްޓެވުމުގެ އިތުރުން، އާމަރީ އަދި މެއިންޓަނަންސް ސާވިސްގެ ކޮމާންޑިން އޮފިސަރުކަން ކުރެއްވި އެވެ.

ގިރިފުށީ ޓްރޭނިން ސެންޓަރުގައި ތަމްރީނު ދެއްވުމާއި، ސިފައިންގެ ހިދުމަތަށް އެންމެ ފުރަތަމަ ވެންނެވި އަންހެން ސިފައިން ތަމްރީނު ކުރެއްވުމާއި، ޕެރޭޑް އިންސްޓްރެކްޓަރެއްގެ ގޮތުގައި މުހިންމު ދައުރެއް އޭނާ އަދާކުރެއްވި އެވެ.

އާދަމް އިބްރާހިމް މަނިކު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ އޭނާއަކީ ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ އަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއް ކަމަށެވެ.

"އޭނާއަކީ ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއް. މީގެއިތުރުން ސިފައިންގެ ހިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިހުލާސްތެރިއެއް،" ރައީސް ވިދާޅުވި އެވެ.