ދިވެހި ފިލްމު "ޕަރީ، ޗެޕްޓާ1"ގެ މަންޒަރެއްގައި ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ޑަބްކުރެވިފައި އޮތުމަކީ ވަރަށް ދެރަކޮށްވީ ކަމެއް ކަމަށް ބުނެ އެ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބެލުންތެރިންގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯ މެސެޖެއްގައި ސީޒަން ބުނީ އެ ފިލްމުގެ ކްލައިމެކްސްގެ ތެރޭގައި ވަރަށް ގިނަ އާޔަތްތައް ހިމެނޭ ކަމަށާއި އޭގެ ތެރެއިން އާޔަތެއް ޑަބްކުރިއިރު "މިސްޓޭކެއް" ހެދިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށެވެ. 

"ހަމަ ވަރަށް ދެރަކޮށް ވީކަމެއް. އަޅުގަނޑުމެންނަށް ސެންސަރު ބޯޑުން ވެސް މިހާރު ވަނީ މިކަން ނޮޓިފައިކޮށްފަ. ފިލްމު ބެލުންތެރިންނާ ހަމައަށް މިހާރު ފެންނަނީ މީޑިއާނެޓުން ކަމަށް ވާތީ  މީޑިއާނެޓާ ވާހަކަދައްކަމުން މިގެންދަނީ ވީހާވެސް އަވަހަކަށް ފިލްމް ޑައުންކުރަން،" ސީޒަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ފިލްމު މީޑިއާނެޓުން ނެގުމަށް ފަހު އަލުން އަޕްލޯޑްކުރާނީ ކުށް އިސްލާހުކޮށްފަ އެވެ.

"ޕަރީ، ޗެޕްޓާ 1" ގެ މަންޒަރެއްގައި ސައްހަ ނޫން ގޮތަކަށް އާޔަތެއް ކިޔާފައި ވާތީ އެ ފިލްމު އަލުން ޑަބްކޮށް އިސްލާހުކުރަން އަންގާފައިވާނެ ކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ) އިން ވެސް މިއަދު ބުންޏެވެ. 

އެ ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ މަންޒަރު އިސްލާހުކޮށް އަލުން ޑަބްކުރުމަށާއި އެކަން އިސްލާހު ނުކޮށް ފިލްމު ނުދައްކަން އަންގާފައިވާ ކަމަށާއި އެ މަންޒަރު ސޯޝަލް މީޑިއާގައި ވެސް ދައުރުނުކުރަން އިލްތިމާސްކުރާ ކަމަށެވެ. 

ފިލްމު ކްލެސިފައިކުރި އިރު އެ މައްސަލަ ފާހަގަވެފައި ނުވާތީ މާފަށް އެދޭ ކަމަށާއި އެކަން ފާހަގަނުވި މައްސަލަ ބަލާނެ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.