ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް، ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް އަންނަ މަހުގެ ފަސްވަނަ ދުވަހު ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.
ދިރާގުން ވަނީ ސެމްސަންގް އިން އަލަށް ނެރުނު ފޯނު ދައްކާލުމަށް ހާއްސަ ހަފުލާއެއް މިއަދު ބާއްވައިފަ އެވެ. އެ ހަފުލާގައި، ފޯނު ދައްކާލީ ސެމްސަންގުން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަ، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޔޮންމިންގް ޝިން އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ އެވެ.
ވެބްސައިޓް މެދުވެރިކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕްރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފަ އެވެ. އަދި ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު މިރޭ ދަންވަރު 12 ޖެހުމާ ހަމަޔަށް ކުރިޔަށް ގެންދާ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.
ދިރާގުން ސެމްސަންގް ގެލެކްސީ އެސް8 ފޯނު ވިއްކާނީ 13،499ރ. އަށެވެ. އަދި އެސް8 ޕްލަސް ފޯނު ވިއްކާނީ 15،499ރ. އަށެވެ.
ދިރާގުން ބުނީ، އެ ކުންފުނި މެދުވެރިކޮށް ފޯނު ގަންނަ މީހުންނަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ފޯނުގަތުމުގެ ފުރުސަތު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ހޯމް ބަޓަން ފޮރުވާފައި ހުންނަ ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއްގެ ފޯނު ލިބެން ހުރެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑް އެވެ. ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް ލިބެން ހުންނަ ކުލަތަކަކީ މިޑްނައިޓް ބްލެކް އާއި މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިން އެވެ. ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް އަދި އެސް8 ގައި ފުރަތަމަ ފަހަރަށް ވަނީ ބްލޫޓޫތު 5 ވަނީ ހިމަނައިފަ އެވެ. މިއީ ބްލޫޓޫތު 5 އަށް އެންމެ ފުރަތަމަ ހިމެނި ދެ ފޯނެވެ.