މަގުތައް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވީ ނަމަވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން އެއާ ހިލާފަށް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން ހެދި އެމްއާރުޑީސީގެ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ކުންފުނީގެ މެންޑޭޓާ ހިލާފަށް އެތައް ކަމެއް ދަނީ ކުރަމުންނެވެ. އެގޮތުން ވެލި ނަގައި ވިއްކުމާއި ފުޓްސަލް ދަނޑުތައް ހެދުމާއި ކުނި ނައްތާލުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ އެމްއާރުޑީސީގެ އައްޑޫ ސައިޓަށް ގޮސް ބެލިއިރު ވެލި ނަގައި ވިއްކަމުން ގެންދާކަން އެނގިފައިވާ ކަމަށެވެ. އަދި އެކަމަކީ އެ ކުންފުނީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ޔޫތު މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން 2014 އަދި 2015 ވަނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެެއްގެ ފުޓްސަލް ދަނޑުތަކެއް އެ ކުންފުނިން ހަދާފައިވާ ކަމަށެވެ. އޭގެ އިތުރުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ވެސް އެމްއާރުޑީސީން ކުރަމުން އަންނަ ކަމަށާއި އެެއީ ވެސް އެ ކުންފުނީގެ މަަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏާ ބެހޭ ގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކުން އެ ކުންފުންޏަށް އާމްދަނީ ލިބެމުން އަންނަ ކަމަށެވެ. އަދި އެ ކުންފުންޏަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތްތަކަކީ މަގު ހެދުމާއި ގާ ވިއްކުން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމްއާރުޑީސީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުނީގެ އަސާސީ ގަވައިދުގައިވާ ގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް މެމްބަރުން ހާޒިރުނުވާ ކަމަށާއި އެއްވެސް ސަބަބަކާ ނުލައި ޖެހިޖެހިގެން ތިން ބައްދަލުވުމަށް ވުރެ ގިނަ އިން ހާޒިރުނުވެ ހުރެގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ބޯޑު ބައްދަލުވުމަށް ހާޒިރުނުވާ ސަބަބު ވެސް އަންގާފައިނުވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކުންފުނީގެ އޮޑިޓް ކޮމިޓީ އެކަށީގެންވާ ގޮތަށް ހަރަކާތްތެރިވަމުންނުދާ ކަމަށެވެ. އަދި ކުންފުނީގެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްލޭނެެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
އެމްއާރުޑީސީގެ ވޭތުވެދިޔަ އަހަރުގެ ގެއްލުމާއި ފައިދާއާ ބެހޭ ގޮތުން ބުނެފައި ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެ ކުންފުނީގެ ޖުމްލަ ފައިދާ 2014 ވަނަ އަހަރު 73 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އެ ކުންފުންޏާ ބެހޭ ގޮތުން އޮޑިޓް ރިޕޯޓް ނެރުނުއިރު މިދިޔަ ހަފުތާގައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ނަޒީމް ހައުސިން މިނިސްޓްރީގެ ނައިބު ކަމަށް ބަދަލުކޮށްފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ރައްޒާގު ހަލީމް ވަނީ އައްޔަންކޮށްފަ އެވެ.