ކުއްޖަކު ބޮޑުވާއިރު އެ ކުއްޖާގެ އިސްކޮޅު ހުންނާނެ ވަރު ކަށަވަރުކަމާ އެކު ލަފާކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެކަމަކު އިސްކޮޅު ލަފާކުރުމަށް އެކި ފޯމިއުލާތައް ބޭނުންކޮށް އުޅެ އެވެ. މި ބުނެދެނީ އެމެރިކާގެ މަޝްހޫރު "މާޔޯ ކްލިނިކް" އިން ބުނާ ގޮތުން އެންމެ ގިނައިން ބޭނުންކޮށް އުޅޭ ފޯމިއުލާ އެވެ.
* މަންމަގެ އިސްކޮޅާއި ބައްޕަގެ އިސްކޮޅު (އިންޗިން ނުވަތަ ސެންޓިމީޓަރުން) އެއްކޮށްލާށެވެ.
* ލަފާކުރަނީ ފިރިހެން ކުއްޖެއްގެ އިސްކޮޅު ނަމަ، މަންމަ އާއި ބައްޕަގެ އިސްކޮޅުގެ ޖުމުލައަށް 5 އިންޗި (13 ސެންޓިމީޓަރު) އެއްކޮށްފައި 2 އިން ގެއްލާށެވެ. އަންހެން ކުއްޖެއް ނަމަ 5 އިންޗި އުނިކޮށްފައި 2 އިން ގެއްލާށެވެ.
އަނެއް ފޯމިއުލާއެއްގައި ބުނަނީ ފިރިހެން ކުއްޖެއް ނަމަ އުމުރުން ދެ އަހަރުގައި ކުއްޖާގެ އިސްކޮޅުގެ ދެ ގުނަ އަކީ ބޮޑުވުމުން އެ ކުއްޖާގެ އިސްކޮޅު ކަމަށެވެ. އަދި އަންހެން ކުއްޖެއް ނަމަ 18 މަހުގައި ކުއްޖާގެ އިސްކޮޅުގެ ދެ ގުނަ އެވެ.
މިހެން ފޯމިއުލާތައް ބޭނުންކުރި ނަމަވެސް އިސްކޮޅު ބިނާވަނީ ޖެނެޓިކްސް އަށެވެ. އަދި އެކި ކުދިން ހެދި ބޮޑުވަނީ އެކި ރޭޓުގަ އެވެ. ބައެއް ކުދިންގެ އިސްކޮޅު ވަރަށް އަވަހަށް ދިގުވާން ފެށި ނަމަވެސް ބައެއް ކުދިންނަށް މިކަން ފަސްވެ އެވެ.
ކުއްޖާގެ އިސްކޮޅު އުމުރާ އެކަށީގެން ނުވާ ކަމަށް ހީވާ ނަމަ ޑޮކްޓަރެއްގެ ލަފާ އަވަހަށް ހޯދައި، މައްސަލައެއް އުޅެނީތޯ ބަލަންޖެހޭނެ އެވެ.