ކުޑަކުދިންގެ ކޮޓަރީގައި ޓީވީ ބަހައްޓާފައި ހުންނަ ނަމަ އެ ކުދިންގެ އުމުރުން ދުވަސްވާ ވަރަކަށް ބަރުދަން އިތުރުވެ މާ ބޮޑަށް ފަލަވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ ކޮލެޖު ލަންޑަން (ޔޫސީއެލް)ގެ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި، އަންހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ވާއިރު ކޮޓަރީގައި ޓީވީ ހުރުމަކީ އެކުދިންގެ އުމުރުން 11 އަހަރު ވާއިރު، ކޮޓަރީގައި ޓިވީ ނުހުންނަ ކުދިންނަށް ވުރެ ބަރުދަން 30 ޕަސެންޓް އިތުރުވާ ކަމެކެވެ. ފިރިހެން ކުދިންނަށް ވެސް މި ނުރައްކާ އޮވެ އެވެ. ނަމަވެސް 20 ޕަސެންޓަށެވެ.

"އަހަރެމެންގެ މި ހޯދުމުން ހާމަވި ގޮތުގައި ކުޑަކުދިންގެ ކޮޓަރީގައި ޓީވީ ހުރުމަކީ އެކުދިންގެ ބަރުދަން އާދަޔާޚިލާފަށް އިތުރުވުމާ އެކު ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު އިތުރުވެ ނުރައްކާ އިތުރުވާ ކަމެއް،" ޔޫސީއެލް އިން ވާހަކަ ދެއްކެވި އަންޖާ ހީލްމަން ވިދާޅުވި އެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ 12،556 ކުއްޖެއްގެ ހާލަތު ދެނެގަނެފަ އެވެ. މި ކުދިންނަށް ފަލަބަލި ޖެހިދާނެ އެހެނިހެން ކަންތައްތަކަށް ވެސް މި ދިރާސާގައި ވިސްނާފައިވެ އެވެ. އޭގެ ތެރޭގައި އެ ގެއަކަށް ނިސްބަތުން ލިބޭ އާމްދަނީ، މަންމަގެ ތައުލީމީ ފެންވަރު، ގާތުން ކިރު ދިން މުއްދަތު، ކަސްރަތު ލިބޭ ކަހަލަ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު އަދި ނިދުމުގެ ގަޑިތައް ހުންނަ ގޮތް ހިމެނެ އެވެ.

މަންމަގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ވެސް މި ދިރާސާގައި ބެލި އެވެ. އެއީ ގޭގައި ކެއިން ބުއިމުގެ ކަންތައްތައް ހުރި ނެތް ގޮތް ދެނެގަތުމަށެވެ. އަދި ހަމަ އެއާ އެކު ޖެނެޓިކްސްގެ ނުފޫޒު އޮތް މިންވަރެއް ވެސް ބަލާފައިވެ އެވެ.

މިކުދިން އުމުރުން ތިން އަހަރުގައި ބީއެމްއައި ހުރި ވަރު ވެސް ރެކޯޑް ކުރި އެވެ. އެއީ ކުރިންސުރެ ފަލައީތޯ ނުވަތަ ފަލަވާން ފެށީ ވަކި އުމުރަކުން ފެށިގެންތޯ ދެނެގަތުމަށެވެ. ކުރިން ވެސް ފަލަކޮށް ހުރުމަކީ ޓީވީ ކައިރީގައި މާ ގިނަ ވަގުތު ހޭދަކުރުމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ބެލި އެވެ.

ޓީވީ ބެލުމުގައި ކޮންމެ ދުވަހަކު ހޭދަކުރި ވަގުތުގެ ނިސްބަތުން، އަންހެންކުދިން ވަކިން ބޮޑަށް ބަރުދަން އިތުރުވެފައިވާކަން ސައިންސްވެރިންގެ މި ހޯދުމުން ވަނީ ހާމަވެފަ އެވެ.

ބަރުދަން އިތުރުވުމާއި ފަލަބަލި ޖެހެން މެދުވެރިވާ ސަބަބުތައް ވަރަށް ގިނަވެފައި އޮޅުންބޮޅުން ބޮޑެވެ.

ފަލަވުމުގައި، ސްކްރީން ކައިރީގައި ހޭދަކުރާ ވަގުތަކީ ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެއްކަން ޔަގީން ވެފައި ވިޔަސް މިފަހަރުގެ ދިރާސާގައި ބަލާފައިވާ އުމުރު ފުރައަށް ވުރެ ބޮޑެތި ކުދިންނާއި ފުރާވަރުގެ ކުދިންނަށް މިކަމުގައި ނުރައްކާ އޮންނަ މިންވަރު ބެލުމަށް ދިރާސާ ކުރަން ޖެހިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.