ދުންފަތާ ދެކޮޅަށް މަސައްކަތް ކުރޭ، އެކަމަކު ގޮންޖެހުންތައް ގިނަ: އިރުތިޝާމް

ދުންފަތާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ކަމަށާއި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.


ދުންފަތުގެ ވަގުވިޔަފާރި ކޮންޓްރޯލް ކުރުމާ ބެހޭ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭ މަޝްވަރާ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދުންފަތާ ދެކޮޅަށް މިހާރު ވެސް އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިހާރުގެ ޒުވާން ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްކޮށްދޭން ކަމަށެވެ. އެކަން ކުރެވޭނީ ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމާނެ ކަމަށް ވެސް މިނިސްޓަރު އިޝާރަތްކުރެއްވި އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ އަދަދު ގިނަ އެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޕްރޮޓޮކޯލަކީ 2005 ގައި ރާއްޖެއިން ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ހިމެނޭ ބައެކެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިން މާތުރު، މި ރަސްމިއްޔާތުގައި، ވަނީ ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދެއްވައިފަ އެވެ. އަދި ދުންފަތުގެ ސަބަބުން އިގުތިސާދީ ގޮތުން ވެސް ބޮޑު ގެއްލުމެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ސިއްހަތު ދާއިރާއާ ގުޅުން ހުރި އިސް ފަރާތްތަކުން ބައިވެރިވެ އެވެ.