ޖެނެރޭޝަން ބޭންގެ ގާނޫނު ތަސްދީގުކުރުމަށް މިދިޔަ މެއި މަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޮކްޓޯބަރ 2025 - 18:20
ދުންފަތުގެ ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން، އެކަން ތަންފީޒުކުރުމާ ގުޅޭ ގަވައިދު ގެޒެޓުކުރާނެ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އެއާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޖެނެރޭޝަން ބޭން ކުރުމާ ގުޅޭ ގަވައިދު، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އާއްމުކުރާނެ ކަމަށެވެ. އޭގެ ދަށުން، ކޮންމެ އުމުރެއްގެ މީހެއް ވިއަސް ދުންފަތުގެ ބާވަތެއް ވިއްކޭނީ އުމުރު ކަށަވަރުކުރެވޭނެ، ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާނަމަ، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ޖެނެރޭޝަން ބިލްގެ ގާނޫނު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުރި އެ ފަދަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމުން އަލަށް ގެނައި އިސްލާހުގައި އެ ހުރަސްތައް ކުޑަކުރުމަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.
"އެންފޯސްކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލްކުރުމާ ބެހޭ ތަކެތި ގެންގުޅުމާއި އެތެރެކުރުމާއި ބެހެއްޓުމާއި ނައްތާލުމާއި މި ތަކެތި އަތުލުމަށް ފަހު އެ ތަކެތި ބަލަހައްޓާ ނައްތާލުމާ، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާއަތްތައް ވަރަށް ފުރިހަމަކޮށް ބަޔާންކޮށްފައި މިހާރު އޮންނާނެ." ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
26 October 2025
ސިގިރޭޓް ބުއިން މަނާކަން އަނގައިދޭ ބޯޑުކައިރީގަ ބޯއިރުވެސް ކަމެއް ނުކުރެވޭ. މޮޅެތި ގާނޫނުތަށް ހަދައިގެން ވާ ފައިދާއެއް ކޮބާ؟
ތަންފީޒު ހަފީޒު
26 October 2025
ކިތައްމެ މޮޅު ނަމެއްކިޔައިގެން ގާނޫނު ހެދިޔަސް ތަންފީޒުކުރަނީއެއްނޫން. ވޭޕުވެސް މަނާކުރި. މިހާރު ހަމަ އެބޮނީ މަގުމަތީގަ. ފުލުހުންވެސް ބޮއެނަގަނީ. އެކަން ހުއްޓުވާނެ އެއްވެސް އިދާރާއެއްނެތް. ތިކިޔާ ބޭން ވެސް ތަންފީޒެއްނުވާނެކަން ކަށަވަރު. ގައުމެއް ނެތް ދަރިންނޭ!
ގަަސް
26 October 2025
ޖެނެރޭޝަން ބޭންއޭ ކިޔާބަހައްޓާފާ އަނެއްކާ ރާއްޖެއަށް ވަންނަ ޖަނަރޭޓަރުތަކެއްނޫން ބޭރުކޮށްލާނީ.
ކޮރަލް
26 October 2025
ތަންފީޒް އެއް ނުކުރެވެ އެވެ. އެމްޑަބްލިއު އެސްސީ ކުރިމަތީ ހުންނަ ފުލުސް އޮފީހުގެ ބޭފުޅުން ކޮންމެ ދުވަހަކު ޖެހިގެން އޮންނަ ގޯޅިގަނޑުގަ ޔުނީފޯމް ލައިގެން އާއްމުން ކުރިމަތީ ސިނގިރޭޓް ބޮނީ އެވެ. އެސަރައްހައްދު އޮފީސް ތަކުގެ މީހުން ޔުނީފޯމްގަ ސިނގިރޭޓް ބޮނީ އެވެ. ނޫސްވެރީންވެސް ބަލާލަ ބަލާށެވެ.
ޢަލްޓިކޯ
26 October 2025
ރައީސްގެ އިޚްލާސްތެރި ނިޔަތެއް އޮތަސް ތިކަމުގަ މާ އާރުލާކަމަކަށް ނުފެނޭ ކައިރީގަ ވޭޕްޑެޑީ މެން ތިބީ