ކާބޯތަކެތީގައި ހިމެނޭ ކެމިކަލް މާއްދާތަކުން ރައްކާވެ ތިބެން އަޅުގަނޑުމެންނަށް އެޅިދާނެ ވަރަށް ގިނަ ފިޔަވަޅުތައް އެބަ ހުއްޓެވެ. އެގޮތުން ކާބޯތަކެތިން ކެމިކަލްތައް ހަށިގަނޑަށް ވާސިލުވުން ދުރުކޮށްދޭން ކުރެވިދާނެ ބައެއް ކަންތައްތަކަށް މިހާ ހިސާބުން ބަލައިލާނަމެވެ.
• ކެމިކަލްގެ މާއްދާތައް ނުހިމެނޭ ގޮތަށް އުފައްދާފައިވާ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރަން އާދަކުރާށެވެ. ކެއުމުގައި ތާޒާ ތަރުކާރީ އާއި މޭވާ ބޭނުންކުރަން އާދަކޮށް، އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް ބޭނުން ކުރާއިރު ވެސް ކެމިކަލް ބޭނުންކޮށްފައިވާ މިންވަރު މަދު ތަކެތި ހިޔާރުކުރާށެވެ.
• ގިނައިން ކެމިކަލްގެ އަސަރު ކުރާ ކަހަލަ މޭވާ އާއި ތަރުކާރީ ކެއުން މަދުކުރާށެވެ. މިސާލަކަށް ބޮޑު މިރުސް، ސްޕިނެޗް، އަލުވި، ސްޓޯބެރީ، އާފަލު، ޕެއާ، ޗެރީ އަދި ބޭރުން އެތެރެކޮށްފައި ހުންނަ ރާސްބެރީ އަދި މޭބިސްކަދުރު ފަދަ ބާވަތްތައް ހައްދަން އާންމުކޮށް ކެމިކަލް ބޭނުންކުރެ އެވެ. ނަމަވެސް، ޒުވާރި، އެވޮކާޑޯ، ކޯލީފްލާވާ، ފިޔާ، ބްރޮކޮލީ، އަލަނާސި، އަނބު، ކިވީ، ފަޅޯ އަދި ދޮންކެޔޮ ފަދަ ބާވަތްތައް ހައްދަން ކެމިކަލް ބޭނުންކުރި ނަމަވެސް އޭގެ އަސަރު ވަރަށް ކުޑަވާނެ އެވެ. އާންމު ގޮތެއްގައި މިފަދަ ތަކެތި ހައްދަން ބޭނުންކުރާ ކެމިކަލްގެ އަސަރު އެއަށް ކުރަނީ 10 ޕަސެންޓަށެވެ. އެހެންކަމުން ގިނައިން ކެމިކަލްގެ އަސަރު ކުރާ މޭވާ އާއި ތަރުކާރީއާ ދުރުހެލިވުމަށް ފަހު މަދު މިންވަރަކަށް ކެމިކަލްގެ އަސަރު ކުރާ މޭވާ ބޭނުންކުރެވޭތޯ ބަލާށެވެ.
• ކެމިކަލް ބޭނުންކޮށްގެން އުފައްދާފައިވާ ތަރުކާރީ އާއި މޭވާ ބޭނުންކުރާ ނަމަ ވީހާވެސް ރަނގަޅަށް އެ ތަކެތި ދޮވެ ސާފުކުރުމަށް ފަހު ބޭނުންކުރާށެވެ.
• އެއްގަމު މަހުގެ ބާވަތްތަކުގައި (ހާއްސަކޮށް ގަނޑުކޮށްގެން ވިއްކާ މިފަދަ ތަކެއްޗަކީ) ފަތްޕިލާވެއްޔަށް ވުރެ ކެމިކަލްގެ މާއްދާތައް އިތުރެވެ. އެހެންކަމުން ހާއްސަކޮށް އެއްގަމު މަހުގެ ބާވަތްތައް، ބޭނުންކުރާ މިންވަރު މަދުކުރާށެވެ. މަހުގެ ބާވަތްތަކުގެ ބަދަލުގައި ގިނައިން ތަރުކާރީ އާއި މޭވާ ބޭނުންކުރާށެވެ. ސަބަބަކީ އާންމުކޮށް ކެމިކަލް ބޭނުންކޮށްގެން ބޮޑުކުރާ ކުކުޅާއި ގެރި، ބަކަރި ފަދަ ތަކެތިން އުފައްދާ އެއްގަމު މަހުގެ ބާވަތްތަކުން ހަށިގަނޑަށް ކެމިކަލް އަސަރުކުރުމުގެ ފުރުސަތު ތަރުކާރީ އާއި މޭވާއިން ލިއްބައިދޭ މިންވަރަށް ވުރެ ދެ ގުނަ ބޮޑުވެ އެވެ.