ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އަލުން އިވެލުއޭޓްކޮށްގެން ކަނޑައަޅައިފި

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު، މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އަލުން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެ ވަނަ ފަހަރަށް ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން އެންގި އެންގުމާ ގުޅިގެން އެ މިނިސްޓްރީން ކުރި ދެ އިއުލާނު ވެސް ބާތިލްކޮށްފައިވާ ކަމަށެވެ.

އަލުން އިވެލުއޭޓް ކުރުމަށް ފަހު ހައްޖަށް މީހުން ގެންދިއުމަށް ހަތަރު ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ހަތަރު ކުންފުންޏަކީ ވެސް އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ހައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅި ކުންފުނިތަކެވެ.

މިނިސްޓްރީން ހުއްދަ ދިން ކުންފުނިތައް:

1 - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

2- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

4- ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރާއި ޒައީ ގްރޫޕްގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، މި ކުންފުނިތަކަށް ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީ ކަނޑައަޅައި އަލުން އިވެލުއޭޓް ކުރަން އޮތީ އަންގައިފަ އެވެ.

ނަމަވެސް އޭސީސީގެ އެންގުމަށް މިނިސްޓްރީން އަމަލު ނުކުރާ ކަމަށް ބުނެ، ބައެއް ކުންފުނިތަކުން ވަނީ އޭސީސީގައި ޝަކުވާ ކޮށްފަ އެވެ.

މިނިސްޓްރީން އޭރު ބުނި ގޮތުގައި ކުންފުނިތައް ކަނޑައެޅީ، އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ހައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.

މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ނަމަވެސް ކުރިން ގުރޫޕްތައް ކަނޑައެޅީ އޭސީސީން އެންގި ގޮތަށް ކަމެއް މިނިސްޓްރީން ކަނޑައެޅިގެން ނުބުނެ އެވެ.

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އޭސީސީން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.