އާޒިމަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.


އާޒިމަށް ދައުވާކުރަން ފޮނުވީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި ޝަރުއީ ނިޒާމާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ވެސް ކުރި އެވެ.

އާޒިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރަށް ޕީޖީ އޮފީހުން މިއަދު ފޮނުވި ސިޓީގައިވަނީ އެ މައްސަލާގައި އާޒިމަށް ދައުވާ ނުކުރަން ނިންމައި، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓްގައި ވެސް ހިމެނޭ ބޭފުޅެކެވެ.