ބޮލީވުޑްގެ މަޝްހޫރު ޒުވާން ދެ ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަންގެ ޖޯޑު ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ އަނުޝްކާ 2008 ވަނަ އަހަރު ޝާހްރުކް ހާނާ އެކު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފު ކުރި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.
މި ފިލްމްވެގެން ދާނީ އެ ސްޓޫޑިއޯގެ ފިލްމެއް ވަރުން ކުޅޭ ފުރަތަމަ ފަހަރަށެވެ.
އަނުޝްކާ ވަނީ ވައިއާރްއެފްގެ ބަދްމާޝް ކޮމްޕެނީ (2010) ލޭޑީޒް ވާސަސް ރިކީ ބަލް (2011) އަދި ޖަބް ތަކް ހެ ޖާން (2012) ފަދަ ފިލްމްތައް ކުޅެފަ އެވެ.
ވައިއާރްއެފްގެ ވެބްސައިޓްގައި ބުނީ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަކީ 2015 ވަނަ އަހަރު ސްޓޫޑިއޯ އިން ގެނެސް ދިން ކާމިޔާބު ފިލްމް "ދަމް ލަގާ ކޭ ހައިޝާ" ލިޔެ، ޑައިރެކްޓް ކުރި ޝަރަތު ކަޓަރިޔާ ޑައިރެކްޓް ކުރާ ފިލްމެއް ކަމަށެވެ.
ފިލްމްގެ ޕްރޮޑިއުސަރަކީ "ފޭން" ގެ ޑައިރެކްޓަރު މަނީޝް ޝަރްމާ އެވެ.
"ސުއީ ދާގާ: މޭޑް އިން އިންޑިއާ" އާ ބެހޭ ގޮތުން ޝަރަތު ބުނީ ވަރަށް ތަފާތު ކޮންސެޕްޓަކަށް، ވަރަށް ހުނަރުވެރި ތަރިންތަކަކާ އެކު ބެލުންތެރިންނާ ހަމައަށް ފިލްމެއް ގެނެސް ދެވޭތީ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަދި އަނުޝްކާ، 29، އާއި ވަރުން، 30، ގެ ކެމިސްޓްރީ ވަރަށް ފުރިހަމަ ވާނެ ކަމަށް ޝަރަތު ބުންޏެވެ.
ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނިކުތް ވަރުން ބުނީ ވައިއާރްއެފްގެ ފިލްމެއް ކުޅެން ފުރުސަތު ލިބުމުގެ އިތުރަށް އަނުޝްކާއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެނެއް ހަގީތަކަށްވުން ކަމަށެވެ. އަދި "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ސްކްރީންޕްލޭ ވަރަށް ތަފާތުވެފައި ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
އަނުޝްކާ ވެސް ބުނީ ފިލްމުގެ ކޮންސެޕްޓާ ދޭތެރޭ ބުނާނެ ވަކި އެއްޗެއް ނެތް ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ގުޅުން ހުރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށް ބުންޏެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 2، 2018 ގަ އެވެ.
އަނުޝްކާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 4 ގައި ރިލީޒް ކުރާ "ޖަބް ހެރީ މެޓް ސޭޖަލް" އިން ޝާހްރުކާ އެކުގަ އެވެ.
ވަރުންގެ ކުރިއަށް އޮތް ފިލްމަކީ ޖެލީޖެކޮލިން ފެނާންޑޭޒާއި ތާޕްސީ ޕަންނޫއާ އެކު ކުޅެފައިވާ ސެޕްޓެމްބަރު 29 ގައި ރިލީޒް ކުރާ "ޖުޅްވާ 2" އެވެ.