ހޮނިހިރު ދުވަހު ޗައިނާގައި ފެށި މި އަހަރުގެ ޝަންހާއީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (އެސްއައިއެފްއެފް) ގައި މިދިޔަ އަހަރު ރިލީޒް ކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސުއީ ދާގާ: މޭޑް އިންޑިއާ" ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ މި ފަހަރު ފެސްޓިވަލުން ފުރުސަތު ލިބުނު ހަމައެކަނި ހިންދީ ފިލްމު ވެސް މެ އެވެ. ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ ލީޑް ރޯލް ކުޅުނު "ސުއީ ދާގާ" ފެސްޓިވަލްގައި ދައްކާނީ "ބެލްޓް އެންޑް ރޯޑް ފިލްމު ވީކް" ސެކްޝަންގަ އެވެ.
ޝަރަތު ކަޓަރިޔާ ޑައިރެކްޓް ކުރި މި ފިލްމަކީ ރަށްފުށުގެ ޒުވާން ދެމަފިރިއަކު ފަހައިގެން ދިރިއުޅުން ބިނާ ކުރާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.
އެންމެ 35 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 125.09 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
އަދި "ސުއީ ދާގާ" އަކީ ވަރުން އާއި އަނުޝްކާ އެކީގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.
މި އަހަރުގެ އެސްއައިއެފްއެފް ކުރިއަށް ދާނީ މި މަހުގެ 15-24 އަށެވެ.
"ދޭ ދޭ ޕިޔާރު ދޭ" 100 ކްރޯޑް ކުލަބަށް
މިދިޔަ މަހުގެ 17 ގައި ރިލީޒް ކުރި އަޖޭ ދޭވްގަންގެ "ދޭ ދޭ ޕިޔާރު ދޭ" ވެސް 100 ކްރޯޑް ކުލަބް (14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދައިފި އެވެ.
މިއީ 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އަޖޭގެ 10 ވަނަ ފިލްމެވެ. މި އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރި އޭނާގެ "ޓޯޓަލް ދަމާލް" އަކީ ވެސް ބޮކްސް އޮފީހުގައި ޖުމްލަ 226 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
އާކިވް އަލީ ޑައިރެކްޓް ކުރި ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނި 100 ކްރޯޑް ފަހަނައަޅައި ދިޔަ އިރު، އިންޑިއާ އާއި އެ ގައުމުގެ ބޭރުގެ މާކެޓްތަކުން ފިލްމަށް މިހާތަނަށް ޖުމްލަ 135.53 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. ތައްބޫ އާއި ރަކުލް ޕްރީތު ސިންގް ބަތަލާއިންގެ ރޯލް ކުޅުނު ފިލްމު ހަދާފައި ވަނީ 78 ކްރޯޑްގެ ބަޖެޓަކުންނެވެ.
"ކަހާ ހަމް، ކަހާ ތުމް" މިރޭ ފަށާނެ
ސްޓާ ޕްލަސް އިން މިރޭ އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ދައްކަން ފަށާނެ އެވެ.
"ކަހާ ހަމް، ކަހާ ތުމް" ގެ ނަން ދީފައިވާ މި ސިލްސިލާއަކީ މިދިޔަ އަހަރު "ބިގް ބޮސް" ސީޒަން 12 ކާމިޔާބު ކުރި ބަތަލާ ދިޕިކާ ކައްކަރާއި މިހާތަނަށް ގިނަ ސިލްސިލާތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ކަރަން ވީ ގްރޯވާ ލީޑް ރޯލުން ފެނިގެން ދާނެ ސިލްސިލާއެކެވެ.
"ކަހާ ހަމް، ކަހާ ތުމް" އަކީ ޑޮކްޓަރަކާއި ބަތަލާއެއްގެ ވާހަކަ ކިޔައި ދޭނެ އެއްޗެކެވެ. ބެލެވޭ ގޮތުން މިއީ މުޅިން ދެ ދާއިރާއެއްގައި އުޅޭ ދެ މީހަކަށް ލޯބިވެވުމުން، އެކަކު އަނެކަކަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވޭ މައްސަލަ އަށް އަލިއަޅުވައިލާނެ ސިލްސިލާއެކެވެ.
މިރޭ ސިލްސިލާ ދައްކަން ފަށާ އިރު، މީގެ ޕްރޮމޯޝަނުގައި ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން ވެސް ހިއްސާވެފައިވެ އެވެ.
"އާޓިކަލް 15" ގެ ލޯބީގެ ލަވައެއް
މި މަހުގެ 28 ގައި ރިލީޒް ކުރާ ފިލްމު "އާޓިކަލް 15" ގެ ލޯބީގެ ލަވައެއް ދައްކާލައިފި އެވެ.
އަޔޫޝްމަން ކުރާނާ އާއި އީޝާ ތަލްވާރުގެ ލޯބީގެ މަންޒަރުތަކެއް ފެންނަ "ނެއިނާ ޔޭ" ލަވަ ކިޔާފައި ވަނީ ޔައްސަރު ދެސާއީ އާއި އާކަންކްޝާ ޝަރުމާ އެވެ. މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޕިޔޫޝް ޝަންކަރެވެ.
"އާޓިކަލް 15" އަކީ އަނޫބަވް ސިންހާ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. އަޔޫޝްމަން ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމުގައި ކިޔައި ދޭނީ އިންޑިއާގައި ތަފާތު ކުރުންތައް ގެންގުޅޭ މައްސަލަ އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު ވަނީ މި މަހުގެ 20 ގައި ބާއްވާ ލަންޑަން އިންޑިއަން ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާ ކުރުމުގެ ފުރުސަތު ލިބިފަ އެވެ.
"އާޓިކަލް 15" ގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ކުރިން ވަނީ "ޝުރޫ ކަރޭ ކިޔާ" ރެޕް ލަވައެއް ވެސް ދައްކާލައިފަ އެވެ.