ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޖަޔޭޝްބާއީ ޖޯރްދާރު" ގެ ޝޫޓިން އެކްޓަރު ރަންވީރު ސިންގް ފަށައިފި އެވެ.
ދިވްޔަންގް ތައްކަރު ޑައިރެކްޓްކުރާ މި ފިލްމުން ރަންވީރު ފެނިގެންދާނީ ގުޖުރާތު މީހެއްގެ ރޯލުންނެވެ. އަދި އޭނާގެ ކެރެކްޓާ އަކީ ޗާލީ ޗެޕްލިން ކަހަލަ މަޖާ ކެރެކްޓާއަކަށް ވާނެ ކަމަށް ބުންޏެވެ.
"ޖަޔޭޝްބާއީ ޖޯރްދާރު" ގެ ޝޫޓިން ފެށި ނަމަވެސް، ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން އަންނަ އަހަރު ފިލްމު ސިނަމާތަކަށް ގެންނާނެ އެވެ.
ވައިއާރްއެފްގެ "ބޭންޑް ބާޖާ ބާރާތު" އިން 2010 ގައި ބޮލީވުޑަށް ތައާރަފުވި ރަންވީރު އެންމެ ފަހުން ކުޅުނު އެ ސްޓޫޑިއޯގެ ފިލްމަކީ 2016 ގައި އަދިތިޔާ ޗޯޕްޅާ ގެނެސްދިން "ބޭފިކްރޭ" އެވެ.
ރަންވީރު އަންނަ އަހަރު ފެނިގެންދާނެ ފުރަތަމަ ފިލްމަކީ އެޕްރީލް 10 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" އެވެ. މި ފިލްމުގެ ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަޚުތު" ގެ ޝޫޓިން ވެސް ރަންވީރު ފަށާނެ އެވެ.
"ގޯލްޑް" ޗައިނާ އަށް
މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ ކާމިޔާބު ފިލްމު "ގޯލްޑް" މި މަހު ޗައިނާގައި ދައްކަން ނިންމައިފި އެވެ.
ރީމާ ކަތުގީ ލިޔެ، ޑައިރެކްޓްކުރި ފިލްމު ޗައިނާގެ ސިނަމާތަކުގައި މި މަހުގެ 13 އިން ފެށިގެން ދައްކަން ނިންމައި، ފިލްމު ޕްރޮމޯޓްކުރަން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް ވަނީ ދައްކާލައިފަ އެވެ. އަކްޝޭގެ ފިލްމުތަކަށް އާންމުކޮށް ޗައިނާ އިން ބޮޑު ތަރުހީބެއް ލިބެ އެވެ. އެގޮތުން "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އާއި "ޕެޑްމޭން" އަކީ ޗައިނާގައި ފުދޭ ވަރަކަށް ހިނގި ފިލްމުތަކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި "ގޯލްޑް" އިންޑިއާ އަށް މިނިވަންކަން ލިބުމުގެ އެއް އަހަރު ފަހުން 1948 ގައި އޮލިމްޕިކްސްގައި ވާދަކޮށް ހޮކީން ރަން މެޑެލް ހޯދި ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މި ފިލްމަކީ މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި ބޮލީވުޑަށް ތައާރަފުވި ފިލްމު ވެސް މެ އެވެ.
"ތަނަޖީ" ގެ ލަވައެއް ދައްކާލައިފި
އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ލަވައެއް ދައްކާލައިފި އެވެ.
"ޝަންކަރާ ރޭ ޝަންކަރާ" ގެ ނަން ދީފައިވާ ލަވައިގެ މިއުޒިކް ހަދައި، ލަވަކިޔާފައި ވަނީ މެހުލް ވިއާސް އެވެ. ލަވައިގެ ޅެން ހެދީ އަނިލް ވަރުމާ އެވެ.
އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ "ތާނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ކާޖޮލް އާއި ސައިފް އަލީ ޚާނާއި ނޭހާ ޝަރުމާ ހިމެނެ އެވެ.
"ނާގިން 4" މި މަހުގެ 14 ގައި
ކަލާޒުން ދައްކަން ތައްޔާރުވަމުން އަންނަ އެކްތާ ކަޕޫރްގެ "ނާގިން" ސިލްސިލާގެ ހަތަރު ވަނަ ސީޒަން މި މަހުގެ 14 އިން ފެށިގެން ދައްކަން ނިންމައިފި އެވެ.
މި ސިލްސިލާ އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން ތާރީހު އިއުލާންކޮށް، އާ ޕްރޮމޯއެއް ވެސް ވަނީ ދައްކާލައިފި އެވެ.
"ނާގިން 4" ގެ ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ނިއާ ޝަރުމާ އާއި ޖޭޒްމިން ބާސިނެވެ. އަދި ބަތަލަކީ ވިޖަޔެންދުރަ ކުމޭރިއާ އެވެ.
އިންސާނުންގެ ސިފަ އަށް ބަދަލުވާ ހަރުފައިންތަކެއްގެ ވާހަކަ ކިޔައިދޭ "ނާގިން" ސިލްސިލާގެ ތިން ވަނަ ސީޒަން ނިންމައިލީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.