މިދިޔަ ހުކުރު ދުވަހު އިމްރާން (ކ-3) މާފުށީ ޖަލަށް ބަދަލު ކުރިން ބައެއް ސިޔާސީ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިގެން.
05 ޖުލައި 2017 - 10:56
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ޖަލުން ދެމުން އަންނަ އިނާޔަތްތައް ކަނޑައިލީ އެއްބަސްވުމާ ހިލާފްވެ، މީޑިއާ އަށް އިންޓަވިއު ދެއްވުމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީން ރޭ ފޮނުވި ޕްރޮގްރާމެއްގައި އަޒްލީން ވިދާޅުވީ އިމްރާން ރޯދަ މަހަށް ގޭބަންދަށް ބަދަލު ކުރުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެ ކަމަށެވެ. އެއްބަސްވުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އިމްރާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެ ދުވަހު ގެއަށް ވައްދަވައިގެން ޓީވީ އަށް އިންޓަވިއު ދެއްވީ. (އިމްރާން) ވިދާޅުވީ މިހެންނޭ އެބޭފުޅާގެ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރެއްވީ،" ރާއްޖެ ޓީވީ އަށް އިމްރާން ދެއްވި އިންޓަވިއު އަށް އިޝާރާތް ކުރައްވައި އަޒްލީން ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އިމްރާން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަނިޔާ އިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ، ފަހަތަށް ނުޖެހި ތިބުމަށް އިމްރާން ގޮވައިލެއްވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި އިމްރާން މީޑިއާ އަށް އިންޓަވިއު ދެއްވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އަދި އިމްރާން އެކަން ކުރެއްވީ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އިމްރާނަށް ދެމުން އަންނަ އިނާޔަތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ކަނޑާލާފައިވާ ކަމަށެވެ. ހަފުތާއެކު އެއް ފަހަރު ދެމުން އައި ފޯނު ކޯލްގެ ހިދުމަތް މަހަކު ދެ ފަހަރު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އާއިލީ ބައްދަލުވުންތަކުގައި ވެސް އިމްރާނަށް ބައިވެރިވަޑައިގަތުމުގެ ފުރުސަތު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ބަހައްޓާފައި ހުންނަނީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އެކަމަކު ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާން ވަކި ގޮޅިއަކަށް ލާފައި ނުވާނެ ކަމަށެވެ.
ނަމަވެސް އަދާލަތު ޕާޓީން ބުނި ގޮތުގައި އިމްރާން މިހާރު ހުންނެވި ތަނަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫނެވެ. އިމްރާންގެ ސިއްހީ ހާލަތު ހުރި ގޮތުން، އެ ގޮޅީގައި އޭނާ ބަހައްޓައިފި ނަމަ ހާލު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
އިމްރާން ޖަލަށް ލާފައިވަނީ މެއި، 2015 ގައި އަދާލަތު ޕާޓީ އިސްވެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވިކަން ސާބިތު ވެގެންނެވެ. އެ މައްސަލައިގައި އޭނާ ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާ އިރު އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
05 July 2017
މި ދަންނަވާލަނީ އިމްރާނުގެ އިންޓަވިއު އަސްލު އޮންނަން ޖެހޭ ގޮތް: " ރައީސް ޔާމިނަށް ވަރަށް ބޯޑަށް ޝުކުރިއްޔާ އަޅުގަނޑު މޭޑޭގައި ވާހަކައެއް ދައްކައިގެން ޖަލައްލީމަ. އަމާޒޭ ޔާމީން. އަމާޒޭ ޔަގީން".
ޓުރޫ
05 July 2017
ޑެންހުރި އެއްޗެހިވެސްކަޑާލަންވީ. މީވެސްގަދަބަސްބުނަމުން ދުވިމީހެއް
ތިބުނެވުނީ
05 July 2017
ތިޔަބުނެވުނީވެސް ގަދަބަހެއް. އިމްރާނު ކިތަންމެ ގޯހެއް ހެދިޔަސް، އަހަރުމެން ތިބެންވާނީ އިންސާނީ ހަމާގައި. ޔާމީނު ގޮޅިޔަށް ލިޔަސް އޭނާއަށްވެސް ހިތަންވާނީ އިންސާނީ ހަމަތަކުން، ސަބަބަކީ އެއީ އަހަރުމެން ގަބޫލުކުރާ ހަމަތަކަށްވާތީވި (އިންސާނީ ހައްގަށް ހުރުމަތް ހިތަންވާނެ)
ނާފިއު
05 July 2017
ކަލޯ އަޒްލީން އަދި އަހަރުމެންނާވެސް ޖެހޭނެކަން ހަނދާންކުރާތި
ޔޫކޭ
05 July 2017
ތީ މަދަމާ ޔޫކޭން ހިމާޔަށް ހޯދަންތިބި މީހުން، މިއަދު އިނގިރޭސިވިލާތަށް ޖޯކުޖަހާނެ. އެދުވަހަކުން މަހޭނަން
ކުކުރާ
05 July 2017
އިމްރާނު ހަމަ ހުރެފަ ޖަލަހލީތަ . އޭނަ ކުރި ކުއް ނިކަން އިހްސާސް ކޮއްބަލަ
އޭނާސިޔާސީ
05 July 2017
އެއީ ސިޔާސީ ކުށްވެރިޔެއް. އެނާއާ ދެކޮޅަށް ހުކުމް ކުރީ ގާނޫނުއަސާސީ އާ ޙިލާފަށް. ތަންދޮރު ނޭގެންޏާ ގާނުނު އަސަސީ ކިޔާލުން ރަނގަޅު
ހިތި ޒަހަރު
05 July 2017
ޔާ ޤައުމު! ޔާ ޤައުމު! އިމްރާނަށް ދޭ އިނާޔަތް ކަނޑާލީ އިންޓަވިޔު ދިނީމަޔޯ!
އަހައްމަދު އަހައްމަދޭ
05 July 2017
ދެން އެންމެ އަވަހައް ފެށޭނެ ބޮޑު ޝަރީއަތަކީ ކާނަލް ނާޒިމް ފްރޭމްކުރިކަމުގެ ޝަރީއަަތް އެޝަރީއަށް ހިނގާނެ ކަމީ އެއްވެސް ޝައްކެއް ހުރިކަމެއްނޫން އެ ޝަރީއަތުގަ ރާއްޖޭގެ ވެރިކަން ކުރި މީހަކާއި ނައިބްރައީސް ކަންކުރި މީހަކު ބެދި ވަކަރު އަރާނެ ނައިބް ރައީސަކު އިއުތިރާފްވާނެ ،ފުލުހުން ހެކިދައްކާނެ ،މިއީ ހައްތާވެސް ދާދި އަވަހައް ހިނގާނެ ކަންކަން ،
ރަދީފް
05 July 2017
''ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ'' ސުވާލަކީ މިހާރުގެ ސަރުކާރަށް ތާއީދުކޮށްފަ އިންޓަވިއު ދިންނަމަ އިމްރާނަށް ޖަލުގައި ދޭ އިނާޔަތްތައް ކަނޑައިލާނެބާ؟؟
މޒނ
05 July 2017
ހުރިހާ މިނިސްޓަރުން ކުއްލިއަކަށް ތެޅިގަނެން މިއުޅެނީ ނޭވާ ހާސްވަނީތަ؟؟
ކަޗޯރީ
05 July 2017
އިންޓަވިއު ދިނީމަ ކޮށްލިވަރު މިހިރީ. އަދި މީހުންނަށް ނޭނގި ޖަލުގަ ކޮށްލާނެވަރު ވިސްނާލާ.
ޢަދުރޭ
05 July 2017
ސާބަހޭ! ދެވުނު އަނިޔާއެއް ދީފަ ބަހައްޓާ. ކިހާ ދުވަހެއް ވަންދެން އަނިޔާ ދެވޭތޯ ބަލަން ރައްޔިތުން މިތިބީ. އިމްރާނަކީ އެންމެ މީހެއްކަން ހަނދާނުގަ ބަހައްޓާ. އިމްރާނާ ނާޒިމަށް ދޭ އަނިޔާގެ ބަދަލު ދޭނީ ހަމައެކަނި ވޯޓަކުން ނޫންކަން ވެސް ހަނދާނުގަ ބަހައްޓާ.