މޭ އެނދުމުގެ އުނދަގުލުން ސަލާމަތްވާން އެތައް މިލިއަން ބަޔަކު ކައި އުޅޭ ބައެއް ބޭސްތަކުން އުމުރު ކުރުވެދާނެ ކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.

މި ބޭސްތަކަކީ ޕްރޮޓޯން ޕަމްޕް އިންހިބިޓާަޒް ނުވަތަ ޕީޕީއައިގެ ގޮތުގައި މަޝްހޫރު ވެފައިވާ ބޭސްތަކެކެވެ. މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސަތަކުން ވެސް މި ބޭސް ކެއުމުން އިތުރު ސިއްހީ މައްސަލަތައް ދިމާވާކަން ހާމަވެފައިވެ އެވެ. އޭގެ ތެރޭގައި ކިޑްނީ ހަލާކުވުމާއި ކަށިތަކުގައި ރެނދުލުން އަދި ހަނދާން ނެތޭ ބަލި ފަދަ ބަލިތައް ޖެހުން ހިމެނެ އެވެ.

މިއީ މޭ އެންދުމާއި ގޮހޮރު ފާރުވުން އަދި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ ތަފާތު މައްސަލަތަކަށް ވަރަށް އާއްމުކޮށް ލިޔެދޭ ބޭސްތަކެކެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މި ބޭސް ލިޔެދިނުމުގައި މިހާރަށް ވުރެ ހަރުކަށިވާންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

މި ބޭސްތައް ބޭސް ސިޓީއާ ނުލައި ވެސް އާއްމުކޮށް ޕްރިލޮސެކް، ޕްރިވޭސިޑް އަދި ޒެގެރިޑް ފަދަ ނަންނަމުގައި ލިބެން ހުރެ އެވެ.

ސައިންސްވެރިން މި ދިރާސާ ކޮށްފައިވަނީ ޕީޕީއައިގެ ތެރޭގައި ހިމެނޭ ކޮންމެވެސް އެއް ބޭހެއް ބޭނުންކުރާ 250،000 މީހުންނާއި އެޗްޑީ ބްލޮކާޒް ކިޔާ މީގެ އެހެން ކްލާހެއްގެ ބޭސް ބޭނުންކުރާ 75،000 މީހުންގެ މެދުގަ އެވެ. އެޗްޓީ ބްލޮކާ އަކީ ބަނޑުގައި ހުންނަ ގޭސް މަދުކުރަން އާއްމުކޮށް ލިޔެދޭ ބޭސްތަކެކެވެ.

ސައިންސްވެރިން ބުނަނީ ޓެލޮމެރެސް ކުރުކޮށްލުމަށް މި ބޭސްތަކުން ބާރު ލިބޭ ކަމަށެވެ. ޓެލޮމެރެސް އަކީ ކްރޮމޮޒޯމްސްގެ އެއްކޮޅުގައި އިންނަ އެއްޗެކެވެ. މީގެ މަސައްކަތް ކުރަނީ ނާޑުވާއެއްގެ ކުރީގައި އިންނަ ޕްލާސްޓިކް ތަންކޮޅު މަސައްކަތްކުރާ ގޮތަށެވެ.

އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސާ އަދި ދިރާސާގެ ސީނިއާ އާތާ ޑރ. ޒިޔާދު އަލް-އަލީ ވިދާޅުވި ގޮތުގައި މި އެންމެންގެ މައުލޫމާތުތައް އެކި ގޮތްގޮތުން ބެލިއިރުވެސް ޕީޕީއައި ކްލާސްގައި ހިމެނޭ ބޭސްތައް ބޭނުންކޮށްފައިވާ މީހުންގެ އުމުރު ކުރުކަން ނޫން އެހެން ކަމެއް ފާހަގައެއް ނުކުރެވުނެވެ.

ގިނަ މީހުން ގަބޫލުކުރަނީ ޕީޕީއައި އަކީ ފަސޭހައިން ލިބެން ހުންނަ އަދި ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވާތީ އެއީ ވަރަށް ރައްކާތެރި އެއްޗެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި މި ބޭސް ދިގު މުއްދަތަކަށް ބޭނުންކުރުމުން ލިބޭ ނުރައްކާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެންނަށް ވެސް ޕީޕީއައި ބޭހެއް ކޮންމެހެން ކާން ޖެހިއްޖިއްޔާ ކާނަން. ނަމަވެސް ޑޮކްޓަރަކު އަހަރެން ރަނގަޅު މޮނިޓާކުރަން އަހަރެން އެދޭނަން. އަދި ކޮންމެހެން ކާން ޖެހޭ މުއްދަތަކަށް ވުރެ ދިގު މުއްދަތަކަށް ނުކާނަން،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މި ބޭހަކީ މެޓާ ބަހާ ހެން ޑޮކްޓަރުން ބަހާ ބޭހެކެވެ. ނަމަވެސް މިއީ އެގޮތަށް ދޭ ވަރަށް ވުރެ ނުރައްކާ ބޮޑު އެއްޗަކަށް އޭނާ ސިފަ ކުރެއްވި އެވެ.