އިއްތިހާދުން ދަނީ ހަގީގަތާ ހިލާފު ވާހަކަ ދައްކައި ރާއްޖެ ބަދުނާމުކުރަމުން: މިނިސްޓަރު

ސަރުކާރާ ދެކޮޅަށް އިއްތިހާދެއް ހަދައިގެން ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ރާއްޖެ ބަދުނާމުކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ އިއްތިހާދެއް ހަދައިގެން ރާއްޖެއިން ބޭރުގައި ހަރަކާތްތަކެއް އެބަ ހިންގާ ކަމަށެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރަށް ބޭރުގެ ސަޕޯޓް ނުލިބޭތީ މީޑިއާގެ ސަމާލުކަން ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ތެރޭގައި ވަރަށް ޒިންމާދާރުކަން ކުޑަ އެތައް ވާހަކަތަކެއް، ދިވެހި ރައްޔިތުންނަށް އަނެއްކާ ވެސް ހަމަ އިތުރު ނިކަމެތިކަން ލިބިދާނެ އެތައް ވާހަކަތަކެއް ވެސް މިއަދު [އިންޑިއާގައި] ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ދެކެވުނު ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ދުންޔާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ދުންޔާ މިއަދު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ތެރޭގައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގައި ރާއްޖޭގައި ޓެރަރިސްޓް ޓްރޭނިން ސެންޓަރުތަކެއް ހުރި ކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފަ އެވެ.

"މިއީ ވަރަށް ހިތާމަކުރާ ކަމެއް. އަދި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖެއާ ގުޅޭ ގޮތުން ދައްކާ ދޮގު ވާހަކަތަކުގެ އަސަރު ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށްފާނެ އެވެ. އިދިކޮޅު ފަރާތްތަކުން ގޮންޖެހުންތައް ކުރިމަތިކުރި ނަމަވެސް ހަގީގަތް ހާމަކޮށްދިނުމުގައި ސާބިތުވެ ސަރުކާރު ދެމިއޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން އަމާޒު ހިފާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުމަށެވެ. އެ މަސައްކަތުގައި، ރާއްޖޭގެ ހާލަތާ ގުޅޭ އެކި މައުލޫމާތު ގައުމުތަކާ ހިއްސާކުރުމުުގެ އިތުރުން އިއްތިހާދުގެ ބޭފުޅުން ގެންދަވަނީ ގައުމުތަކަށް ދަތުރުކުރައްވައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރާއްޖޭގެ ބަދަލުވަމުން އަންނަ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ދިނުމަށް އިއްތިހާދުގެ ޝެޑޯ ކެބިނެޓްގެ މިނިސްޓަރުންތަކެއް މިހާރު ވެސް ތިއްބެވީ އިންޑިއާގަ އެވެ.