އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުސެއިން ހުމާމްގެ މައްޗަށް އަދި އެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށް ބުނެ އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

އަފްރާޝީމްގެ ބައްޕަ އަލީ ޒާފިރު އާއި ބޭބެ އަބްދުއްނާސިރު ފޮނުވި ސިޓީގައި ބުނެފައި ވަނީ އަފްރާޝީމް އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނެފައި ވާއިރު އެއީ ކޮން ބައެއްކަން އަދިވެސް ހޯދިފައި ނުވާ ކަމަށާއި މިފަދަ އެތައް ކަމަކާ ހުރެ ތަހުގީގު ފުރިހަމަވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ގިސާސް ހިފަން ބޭނުން ނުވަނީ އެކަންކަން އަދި ފުރިހަމަ ނުވާތީ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އަދި ހުމާމަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ބަޔާން ދޭން ބޭނުންވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މި ސިޓީ ބަލައިގެންފައެއް ނުވެ އެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ނަމަ މީހަކު މަރައިގެން ކުށްވެރިވާ މީހާގެ ކިބައިން މަރަށް މަރު ހިފުމާއި މަރުގެ ދިޔަ ހޯދުމާއި މައާފް ދިނުމުގެ ބާރު އޮންނަނީ މަރުވި މީހާގެ ވާރިސުންނަށެވެ. އަދި މަރަށް މަރު ހިފަން ވާރިސުންގެ ތެރެއިން އެންމެ މީހަކު ބޭނުން ނުވިޔަސް، މަރުގެ އަދަބު ތަންފީޒެއް ނުކުރެވޭނެ އެވެ.

ހުމާމްގެ މަރުގެ އަދަބާ މެދު ގޮތެއް ކަނޑައެޅުމުގެ އެންމެ ފަހު މަރުހަލާގެ އަޑުއެހުން ސުޕްރީމް ކޯޓުން އިއްޔެ ނިންމާލުމަށް ފަހު މިރޭ 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ. މިއީ ކޮން ބޭނުމަކު ބާއްވާ އަޑުއެހުމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ވަނީ ވިދާޅުވެފަ އެވެ.

އަފްރާޝީމަށް ހަމަލާދީ އަވަހާރަކޮށްލި ކަމަށް ހުމާމް ކުރިން އެއްބަސްވުމަށް ފަހު، މިހާރު ބުނަމުން ދަނީ އޭނާ އެގޮތަށް ބުނީ ފުލުހުން ބިރު ދެއްކުމުން ކަމަށެވެ. ނަމަވެސް ދައުލަތުން ބުނަނީ ހުމާމް ނުކުރާ ކަމަކަށް އެއްބަސްވާންޖެހޭ ކަމެއް މެދުވެރިވެފައި ނުވާ ކަމަށެވެ.

ހުމާމްގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ އަދަބުން ހުމާމަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އަފްރާޝީމްގެ ވާރިސުން އޭނާ އަށް މައާފް ދިނުން ނުވަތަ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމެވެ. ސަރުކާރުން ބުނެފައިވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމޭތާ 30 ދުވަސް ތެރޭގައި ދަން ޖައްސައިގެން މަރުގެ އަދަބު ދޭނެ ކަމަށެވެ.