އެސްޓީއޯ މާލޭ ލީގުގައި ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އަންގައި އެފްއޭއެމުން އެ ޓީމަށް އިންޒާރުދީފި އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ނިންމާފައިވަނީ މި މަހު ހަތަރު ވަނަ ދުވަހު ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗަށް ފަހު އެ ޓީމުގެ އޮފިޝަލް މުހައްމަދު މީކާއީލް ނައުފަލް ދަނޑަށް އަރައި ރެފްރީ އަށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން ބޯޅައިން ރެފްރީގެ ހައްޓަށް ހަމަލާދީފައިވާތީ އޭނާ ޖުމްލަ ހަ މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.
ވިކްޓަރީ މެޗު ނިމުމުން ގްރީން ސްޓްރީޓްސްގެ އޮފިޝަލް އިބްރާހިމް އާޒިމް ވެސް ރެފްރީންނަށް ބަހުގެ ހަމަލާ ދީފައިވާތީ އޭނާ އަށް އިންޒާރު ދިނުމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭނަށް ބަހުގެ ހަމަލާދީފައިވާތީ އެ ކްލަބަށް އެފްއޭއެމުން ވަނީ އެ ފަދަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ތަކުރާރު ނުކުރުމަށް ބުނެ އިންޒާރުދީފަ އެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި އެފްއޭއެމުން އަދަބު ދިން ހަތަރު ވަަނަ ކްލަބެވެ. މީގެ ކުރިން ވަނީ ނިއު ރޭޑިއަންޓާއި އީގަލްސް އަދި މާޒިޔާ އަށް ވެސް އަދަބު ދީފަ އެވެ. އެގޮތުން ނިއުގެ ހަތަރު ކުޅުންތެރިންނަށް އަދަބު ދިންއިރު، އީގަލްސްގެ އޮފިޝަލަކާއި ކުޅުންތެރިއަކަށް އަދަބު ދިނެވެ. އަދި މާޒިޔާގެ ދެ އެސިސްޓަންޓް ކޯޗުންގެ އިތުރުން ކްލަބްގެ ވައިސް ޗެއާމަނަށް ވެސް ވަނީ ބޮޑު އަދަބެއް ދީފަ އެވެ.